ހުޅުމާލޭގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން 172 ފްލެޓެއްގެ ފެން ބިލް ބޮޑުކަން ފާހަގަކުރެވިގެން އެހެން ދިމާވީ ސަބަބު ބަލަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން 1،200 ފްލެޓް އެ ކުންފުނީގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާއިރު ފެން ބިލް ބޮޑު ކަން ފާހަގަކުރެވިފައިވަނީ 172 ފްލެޓްގައި ކަމަށެވެ.
ޝާހް ވިދާޅުވީ މައްސަލަ ފާހަގަވީ ވެސް އެމްޑަބްލިއުއެސްސީ އަށް ކަމަށާއި ފްލެޓްތަކުގެ ވެރިންނާއި އެޗްޑީސީއާ ގުޅިގެން މައްސަލަ ހައްލުކުރުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
ބައެއް ފްލެޓްތަކުގެ ފެން ބިލަށް އެތައް ލައްކަ ރުފިޔާ އަރާފައިވާއިރު ވެސް އެކަން ހިނގާދާ ގޮތެއް ބަލާލުމެއް ނެތި އެމްޑަބްލިއުއެސްސީން ބިލް ފޮނުވާ ކަމަށް ބުނާ ވާހަކަތައް ޝާހު ވަނީ ދޮގުކުރައްވާފަ އެވެ. ޝާހް ވިދާޅުވީ ހިޔާ ފްލެޓްގެ ފެން ބިލަކަށް 5،000 ރުފިޔާ އަށް މަތިން އަރާފައިވާނަމަ އެފަދަ ބިލްތައް ވެރިފަރާތަށް ފޮނުވުމުގެ ބަދަލުގައި މައްސަލައެއް އުޅޭތޯ ފުރަތަމަ ޔަގީންކުރާ ކަމަށެވެ.
"ބައެއް ފްލެޓްގައި ލީކެއް އުޅޭކަން ވެސް ފާހަގަކުރެވޭ. މައްސަލަ ހައްލުކުރަން އަޅުގަނޑުމެންނަށް ރީޗް ނުވާ ތަންތަން ވެސް އެބަހުރި. އެ ތަންތަނުގެ ފެން ވޭލްތައް އަޅުގަނޑުމެން ވާނީ ބަންދުކޮށްފައި" ޝަހު ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ފެން ހޮޅި އަޅައި މީޓަރުތައް ބެހެއްޓީ ބޭރުގެ ކުންފުންޏަކުން ކަމަށާއި މީޓަރު ތަކަކީ އެމްޑަބްލިއުއެސްސީން ގެންގުޅޭ މީޓަރާ ތަފާތު މީޓަރުތަކެއް ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވާ ދަތިތަކެއް ހުރި ކަންވެސް ފާހަގަކުރެއްވި އެވެ.
ހިޔާ ފްލެޓްތަކުގައި ފެނުގެ މައްސަލައެއް އުޅޭނަމަ ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެމްޑަބްލިއުއެސްސީން މިހާރު ހޮޓްލައިނެއް ވެސް ތައާރަފްކޮށްފަ އެވެ. އެއީ 105 ނަންބަރެވެ.