އާދަމް ޝަރީފު އުމަރު

ޑުރަގާއެކު ހައްޔަރުކުރާ މީހުން ދޫވާތީ މަޖިލީހަށް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ހަަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ މަރުހަލާ އާއި ކޯޓު މަރުހަލާއިން މިނިވަންވެ މުޖުތަމައަށް ދޫވެ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތަން ފެންނަމުންދާ ކަމަށެވެ.

ހަމަ އެހެންމެ ގިނަ އަދަދެއްގެ މަސްތުވާކެއްޗާއެކު ހައްޔަރުކުރާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާ އިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަަމަށެވެ. އަދި އެފަދަ ފަރާތްތަކުން ދުނިޔޭގެ ބޮޑެތި ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ މަސްތުވާތަކެތީގެ ހަބަކަށް ރާއްޖެ ވެގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅައި އަދި އެފަދަ ފަރާތްތާއް ދޫވާ މައްސަލަ ކޯޓު މަރުހަލާއިން އިސްތިއުނާފް ނުކުރާކަން އާދަމް ފާހަގަކުރެއްވި އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަަށް އިތުރުވެ މަގުމަތީގައި ހިނގާ ބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް ގޯޅިތަކުގައި މަސްތުވާތެކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެގެން ހިނގައްޖެ ކަމަަށެވެ.

" ޒުވާން ޖީލުތައް ހަލާކުވެ އިޖުތިމާއީ މައްސަަލަތައް ގިނަވެ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ އިރު ރާއްޖޭގައި މަސްތުވާތެކެތި އެތެރެކޮށް ވިއްކަމުންދަނީ މުޅި ދައުލަތް ބައިވެރިވެގެން ހިންގާ ސްޓޭޓް ސްޕޮންސާޑް ވިޔަފާރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މިންވަރަަށް ކަމަށްވާތީ މަސްތުވާކެތީގެ ވިޔަފާރިކުރާ މީހުން ފާޅުކަންބޮޑު ގޮތެއްގައި ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި މައްސަލަ ހުށަހެޅީމެވެ." އާދަމް ވިދާޅުވި އެވެ.

މަސްތުވާތެކެތީ މައްސަލަ އާދަމް މަޖިލީހަށް ހުށަހެޅުއްވި އިރު ފުލުހުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިން އަތުލައިގެންފައި ވެއެވެ. އަދި ރ. އަތޮޅު ފުލުހުންނާ ގުޅިގެން މިދިޔަ ހަފްތާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ވެސް އަތުލައިގެންފައި ވެއެވެ.