ކޮންމެ ދެއަހަރަކުން އެއްފަހަރު ވޯލްޑް ކަޕް ބޭއްވުމަކީ ކަމުދާ އުސޫލެއް ނޫން ކަމަށް ކޮރޭޝިއާގެ ކެޕްޓަން ލުކާ މޮޑްރިޗް ބުނެފި އެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވަން ފީފާއިން ވަނީ ހުށަހަޅާފަ އެވެ. މިއާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވި އިރު ކޮރޭޝިއާގެ ކެޕްޓަން މޮޑްރިޗް ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރާ މީހުންގެ ތެރޭގަ އެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި ކޮންމެ ދެއަހަރަކުން ވޯލްޑް ކަޕް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން. އެކަން (ވޯލްޑް ކަޕް) ހާއްސަ ވަނީ ވެސް ހުރިހާ އެންމެން ހަތަރު އަހަރު އެ މުބާރާތަށް އިންތިޒާރު ކުރަން ޖެހޭތީ." މޮޑްރިޗް ބުންޏެވެ.
ކޮންމެ ދެ އަހަރަކު މުބާރާތް ބާއްވައިފި ނަމަ މުބާރާތުގެ ފޯރި ގެއްލޭނެކަން ފާހަގަކުރަމުން މޮޑްރިޗް ބުނީ މިކަމާއި ގުޅޭ ގޮތުން ކުޅުންތެރިންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.
ރޮނާލްޑޯ އާއި މެސީ ޖެހިޖެހިގެން ކާމިޔާބު ކުރަމުން އަންނަ ބެލެންޑިއޯ އެވޯޑް މެދުކަނޑާލައި އެ އެވޯޑު ފުރަތަމަ ފަހަރަށް ހޯދި ކުޅުންތެރިއަކީ މޮޑްރިޗް އެވެ. އެކަމަކު މިހާރުގެ ކުޅުމަށް ބަލައި މޮޑްރިޗަށް މިފަހަރުގެ އެވޯޑް ލިބޭނެ ކަމަށް ނުބެލެވޭއިރު، އޭނާ ގަބޫލު ކުރާ ގޮތުގައި މި އެވޯޑް ހައްގީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އަށެވެ.
"މިހާރުގެ ކުޅުމަށާއި ކެރިއަރަށް ބަލައި އޭނާ (ބެންޒެމާ) އަށް މިފަހަރުގެ ބެލެންޑިއޯ އެވޯޑު ހައްގު. ޓޮޕް ލެވެލްގައި ފުޓްބޯޅަ ކުޅުމުގެ އިތުރުން މިއަހަރު އޭނާ އެވަނީ ފްރާންސާއި އެކު ތަށްޓެއް ހޯދާފައި. ހަމަ ޔަގީނުން ވެސް އޭނާ އަކީ ނޮމިނޭޓީންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނެ އެއް ކުޅުންތެރިޔާ" ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި ޝެރިފް އަތުން ރެއާލް ބަލިވުމާއި އެކު މިހާރު އެޓީމަށް ވަނީ އިތުރު މަސައްކަތް ތަކެއް ކުރަން ޖެހިފަ އެވެ. މިކަމާ ގުޅިގެން މޮޑްރިޗް ބުނީ އިތުރު މިސްޓޭކު ތަކެއް ހަދަން ވަގުތު ނެތް ކަމަށާއި އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުޅޭ މުބާރާތުގައި މެޗު ތަކުން މޮޅުވަން މަޖުބޫރު ކަމަށެވެ.