ލުކާ މޮޑްރިޗް

މޮޑްރިޗް ރެއާލްގެ އެންމެ ދޮށީ ކުޅުންތެރިޔާ

ރެއާލް މެޑްރިޑްގެ ކެޕްޓަން ލޫކަ މޮޑްރިޗް (39) އަށް އިއްޔެ ރޭ ސްޕެނިޝް ލަލީގާގައި ކުރިއަށް ދިޔަ މެޗުގައި އިތުރު ރެކޯޑެއް ހޯދުމުގެ ޝަރަފު ލިބިއްޖެ އެވެ.

ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު އެެރޭ ކުޅުނު މެޗުގައި އޭނާ ވަނީ ރެއާލް މެޑްރިޑަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

އުމުރުން 39 އަހަރުގައި މި މެޗުގައި ކުޅެ މޮޑްރިޗް ވަނީ 1966 އިން ފެށިގެން ހަންގޭރީގެ އަސްޓޯރިޔާ ފެރެންކް ޕުސްކަސް އަތުގައި އޮތް ރެކޯޑު އާކޮށްފަ އެވެ. މޮޑްރިޗް މި ރެކޯޑު ހޯދީ ޕުސްކަސްގެ އުމުރަށް ވުރެ ހަތަރު ދުވަސް އިތުރަށް ހޭދަކުރުމަށްފަހު އެވެ.

ވީގޯގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް ވަނީ 2-1 އިން މޮޅުވެފަ އެވެ.

މި މޮޅާއެކު ރެއާލް ވަނީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ނަމަވެސް ބާސެލޯނާ އަށް ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ރެއާލުން މިހާރު ވަނީ 10 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ލީޑު ހޯދީ މެޗުގެ 20 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ޖެހި ގޯލަކުންނެވެ. ސެލްޓާ ވީގޯ އިން މެޗު އެއްވަރުކުރީ 51 ވަނަ މިނެޓުގައި ވިލޮޓް ސްވެޑްބާގް ޖެހި ގޯލަކުންނެވެ. ރެއާލްގެ މޮޅުވުމުގެ ގޯލު ޖެހީ 66 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ އެވެ. އޭނާއަށް މި ފުރުސަތު ހޯދައިދިނީ މެޗުގެ ބަތަލު ލޫކަ މޮޑްރިޗް އެވެ.

މެޗަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މިއީ އުނދަގޫ މެޗަކުން ހޯދުނު މޮޅެއް ކަމަށާއި، މޮޑްރިޗްގެ ތަޖުރިބާކާރު ކުޅުމުގެ ސަބަބުން މުހިއްމު ވަގުތެއްގައި ގޯލު ޖެހުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔަ ކަމަށް ބުނެފަ އެވެ.