ރެއާލް މެޑްރިޑް

މޮޑްރިޗް އާއި ކޮވަޗިޗްއާ ހެދި ރެއާލް ހާސްވެއްޖެ

ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާގެ ދެ މިޑްފީލްޑަރުން ކަމަށްވާ ކެޕްޓަން ލުކަ މޮޑްރިޗް އާއި މާޓާއޯ ކޮވަސިޗްގެ ޓްރާންސްފާގެ ހަބަރުތައް ފެތުރެން ފެށުމާއެކު އެ ކުލަބަށް ހާސްކަން ކުރިމަތި ވެއްޖެ އެވެ.

މިދިޔަ ހަތަރު ސީޒަންގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑްލައިންގައި މުހިންމު ދައުރެއް އަދާ ކުރި، މޮޑްރިޗް ހޯދަން އިންޓަ މިލާނުން ހުށަހަޅާފައިވާ ކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ. މިދިޔަ މަހު ކޮވަސިޗް ވަނީ ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް އަމިއްލައަށް ބުނެފަ އެވެ. އޭނާ ގެންދަން މެންޗެސްޓާ ސިޓީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކޮވަސިޗް ވަނީ މިއަދު ރެއާލްގެ ޕްރެކްޓިސްވެސް ދޫކޮށްލާފާ އެވެ. އެއީ ކުލަބުން އޭނާއަށް ރިލީޒް ދިނުމަށް ޑިމާންޑް ކުރުމުގެ ގޮތުން ކުރި ކަމެކެވެ. އޭނާ ބުނީ ގިނައިން ކުޅެން ފުރުސަތު ލިބޭނެ ކުލަބަކަށް ދާން ބޭނުންވާ ކަމަށެވެ. މިދިޔަ މަހު ނިމިގެން ދިޔަ ވޯލްޑްކަޕަށް ފަހު މޮޑްރިޗް އަދި ރަސްމީކޮށް ޓީމުގެ ޕްރެކްޓިހާ ގުޅިފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ ޓްރާންސްފާއާ ބެހޭގޮތުން ރެއާލްގެ އޮފީޝަލުންނާ މަޝްވަރާ ކޮށްފަ އެވެ.

މޮޑްރިޗްގެ ޓްރާންސްފާގެ ހަބަރުތައް ފެތުރުމާއެކު ރެއާލުން ބުނީ، އޭނާ ޓީމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަންނަށް ހީވަނީ ކުރަނީ ރެއާލް މެޑްރިޑަށް ކުޅެން މޮޑްރިޗް އާއި ކޮވަސިޗްވެސް ވަރަށް ހިތްހަމަ ޖެހޭހެން،" ކޮވަސިޗް އާއި ބެހޭގޮތުން ފެތުރެމުންދާ ޚަބަރުތަކާ ބެހޭގޮތުން ރެއާލްގެ ކޯޗް ހުލެން ލޮޕެޓެގީ ބުންޏެވެ. "ކޮވަސިޗްއާ ބެހޭގޮތުން ކަލަމޭން ތިބުނާ އެއްވެސް ކަމެއްގެ ރެކޯޑެއް އަހަރެން އަތަކު ނެތް، ޓީމުގެ ކުޅުންތެރިންނާއެކު އޭނާ ދަނީ ޓްރެއިން ކުރަމުން، އަހަންނަށް ހީވަނީ އުޅެނީ ކުޑަ މައްސަލައެއް ހެން، އަހަރެން އޭނާއާ މެދު ވަރަށް ޝައުގުވެރިވޭ އަހަރެމެން އެންމެންނަކީ ކުލަބުގެ ބައެއް."

އިންޓައިން، މޮޑްރިޗް ގެންދަން ހުށަހެޅުމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މޮޑްރިޗް ދޫކޮށްލާނަމަ ދޫކޮށްލާނީ 750 މިލިއަން ޔޫރޯ އަށް ކަމަށެވެ. ލޮޕެޓެގީ ބުނީ ޕެރޭޒް ވާހަކަ ދެެއްކީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ކަަމަށެވެ.

"އަހަރެން ޝައްކެއް ނުކަުރަން މޮޑްރިޗް މި ޓީމުގައި ހުންނަން ބޭނުންވާނެ ކަމާމެދަކު، އަހަރެން އަހަރެންގެ ކުޅުންތެރިންނާ ވާހަކަ ދައްކަން އެއީ ކުޅުންތެރިންނާ އަހަންނާ ދެމެދު އޮންނަ ވާހަކަތަކެއް."