ލުކާ މޮޑްރިޗް

އުނދަގޫ ސީޒަންގައި މޮޑްރިޗް ކުރީގެ ފޯމަށް

ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގް ހޯދި ފަހުން، ދެން ޖެހިގެން އައި ސީޒަންވީ ރެއާލް މެޑްރިޑަށް އުނދަގޫ ސީޒަނަކަށެވެ. މިޑްފީލްޑްގައި މޮޅަށް ކުޅުނު ލުކަ މޮޑްރިޗާއި ޓީމުގެ އެހެން ކުޅުންތެރިންގެ ކުޅުންވެސް ފެނުނީ ދަށް ކޮށެވެ. ކޯޗް ޒައިނުއްދީން ޒިދާން އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށްލި ފަހު ކުރިމަތިވި ފުރަތަމަ ސީޒަންގައި ކާމިޔާބެ ނުހޯދި ސީޒަން ނިންމާލަން ޖެހުނެވެ.

މި ސީޒަން ކުރީ ކޮޅު މޮޑްރިޗް މެޗު ފަށަނީ ބެންޗުންނެވެ. ޒިދާން އެންމެ އިތުބާރު ކުރާ އެއް މިޑްފީލްޑަރު ބެންޗަށް ލުމަށް ފަހު އޭނާ ފުރުސަތު ދިނީ، ޒުވާން ފެޑްރީކޯ ވަލްވާޑޭ އަށެވެ. މޮޑްރިޗް އިންނަން ޖެހުނީ ބެންޗުގަ އެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން ލިބުނު ބުރޭކްވީ ކުރީގެ ފޯމަށް އެނބުރި އައުމަށް މޮޑްރިޗަށް ލިބުނު ރަނގަޅު ދަނޑިވަޅަކަށެވެ.

އެ ދަނޑިވަޅުގެ ބޭނުން މޮޑްރިޗް ހިފައި އޭނާ ވަނީ އުނދަގޫ ސީޒަންގައި ކުރީގެ ފޯމަށް އެނބުރި އައިސްފަ އެވެ. ލޮކްޑައުންއަށް ފަހު އަލުން ލީގް ފެށިއރު ޒިދާންގެ ޓީމުގެ ފުރަތަމަ 11 އިން މޮޑްރިޗަށް ފުރުސަތު ލިބެންފެށި އެވެ. ލަލީގާގެ ޗެމްޕިއަންކަން ހޯދި ރޭހުގައި މެދުތެރޭގައި މޮޑްރިޗް މޮޅު ކުޅުމެއް ދެއްކި އެވެ.

އޭނާ ބުނީ، މިސީޒަންގައި ޓީމުގެ ޕާފޯމަންސް ރަނގަޅުވެގެން ދިޔައީ ލޮކްޑައުންގައި ޓީމުން ދެމެހެއްޓި ވޯކް އެތިކްސްގެ ސަބަބުން ކަމަށެވެ.

"އަހަރެމެން އެންމެން ތިބީ ލޮކްޑައުންގައި، ލޮކްޑައުންގައި އަހަރެމެން ހުރިހާ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި،" މޮޑްރިޗް ބުންޏެވެ. "ލޮކްޑައުންގައި އެހެން ކުޅުންތެރިންގެ ހާލުބަލައި ގާތް ގުޅުމެއް އަހަރެން ބޭއްވިން އަހަންނަށް ފާހަގަ ކުރެވުނު ކަމަކީ ކުޅުންތެރިން މަސައްކަތް ކުރީ އެކްސްޓްރާ މޯޓިވޭޝަނެއްގައިކަން."

"[ލޮކް ޑައުން] އެއީ އަހަރުމެންނަށް ކުރިން ކުރިމަތިވި ހާލަތެއް ނޫން، އަހަރެމެން ބޭނުންވީ ފުޓްބޯޅަ އެނބުރި އަންނަން، އެ ވިސްނުމުގައި އަހަރެމެން މަސައްކަތް ކުރީ، މުޅި ޓީމު އެކުގައި ޕްރެކްޓިސް ކުރަން ފެށި ހިސާބުން އަހަންނަށް ފާހަގަ ކުރެވުނު ކުރިއަށް ވުރެ ފިޒިކަލީވެސް ވަރުގަދަކަން، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައުމުން ކުޅުންތެރިންގެ ބޮންޑު އިތުރަށް ވަރުގަދަވި، ކޮންމެ ކުޅުންތެރިޔަކުވެސް ހުރީ އެކަކު އަނެކަކާ ބައްދަލުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފަ."

މޮޑްރިޗް ބުނީ، ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށްލުމުންވެސް، ރެއާލް މެޑްރިޑްގެ ކާމިޔާބު ދެމެހެއްޓޭނެކަން ކުލަބަށް ޔަގީންވި ކަމަށެވެ. ކުޅުންތެރިންވެސް ތިބީ އެކަން ސާބިތު ކޮށްދިނުމުގެ އަޒުމުގައި ކަމަށެވެ.