ކޮޕަ ޑެލްރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް ސޮސިއެޑާޑާއި ރެއާލް މެޑްރިޑް ރޭ ބައްދަލުކުރި މެޗުގައި ރެއާލް މެޑްރިޑް 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
އާނޯއިޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓުގައި އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ އެހީތެރިކަމުގައި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް އެވެ.
ކޮޕަ ޑެލްރޭގައި މިއީ އެންޑްރިކް ޖެހި ވިދިވިދިގެން ހަތަރުވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި، ދަނޑުގެ ސްކްރީނަށް ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކުރުމުގެ ބަދަލުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓްކުރުމަށް އިލްތިމާސްކުރާ މެސެޖެއް ދައްކާލުމަށްފަހު، ރެފްރީ ވަނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ވިނިޝިއަސް ޖޫނިއާއާ ވާހަކަދައްކާފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ ބެލިންހަމަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ރެއާލް ސޮސިއެޑާޑްގެ ގޯލްކީޕަރު އެލެކްސް ރެމީރޯގެ ހުށިޔާރުކަމުން ބެލިންހަމަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު ގޯލްކީޕަރު ތިބޯ ކޯޓުއާއާއި ޑިފެންޑަރު ފެޑެރީކޯ ވަލްވާޑްއަށް ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ވަނީ އަރާމުކުރަން ފުރުސަތު ދީފަ އެވެ. އަދި ފްރާންސްގެ ތަރި ފޯވާޑް ކިލިއަން އެމްބާޕޭގެ ދަތްތަކަށް ތަދުވާތީ، އޭނާވެސް މި މެޗުގައި ބޭނުންކޮށްފައެއް ނުވެ އެވެ.
ދެވަނަ ލެގް މި މަހުގެ 27 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބަރުނަބިއު ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.