ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގައި ރެއާލް މެޑްރިޑް އިން ހަތަރުވަނަ ޑިވިޝަންގެ ޑިޕޯޓިވޯ މިނޭރާއާ ދެކޮޅަށް ކުޅުނު މެޗުގައި 5-0 އިން މޮޅުވެ، މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
މިނޭރާގެ ދަނޑުގައި ބޭއްވުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން ފެޑެރިކޯ ވަލްވާޑް (5 ވަނަ މިނިޓް)، އެޑުއާޑޯ ކަމަވިންގާ (13 ވަނަ މިނިޓް)، އާޑާ ގުލާ (28 ވަނަ މިނިޓް އަދި 88 ވަނަ މިނިޓް) އަދި ލޫކާ މޮޑްރިޗް (55 ވަނަ މިނިޓް)ގައި ވަނީ ލަނޑު ޖަހާފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޮއްޓީ ވަނީ ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ފަދަ މުހިންމު ކުޅުންތެރިންނަށް މި މެޗުގައި އަރާމުކުރަން ފުރުސަތު ދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި އެމްބާޕޭ ވަނީ މެޗަށް ނެރެފަ އެވެ.
ރެއާލްގެ އިތުރުން ވާދަވެރި ބާސެލޯނާއާ އަދި އެޓްލެޓިކޯ މެޑްރިޑް ވެސް ވަނީ މި މުބާރާތުގެ ގަދަ 16ގެ ޖާގަތައް ޔަގީންކޮށްފަ އެވެ.
ވިހި ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަށް މިއީ މި ސީޒަންގައި ކޮޕަ ޑެލް ރޭގައި ކުޅުނު ފުރަތަމަ މެޗެވެ. ފާއިތުވި އަހަރުގެ މުބާރާތުގައި ރެއާލް މެޑްރިޑް ވަނީ ގަދަ 16 ގައި އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ.