ކޯޕާ ޑެލް ރޭގެ ކުއާޓަ ފައިނަލްގައި ރޭ ލެގާނެސްއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑް 3-2 އިން މޮޅުވެއްޖެ އެވެ.
މި މެޗުން މޮޅުވި ލަނޑު ރެއާލް މެޑްރިޑަށް ޖަހައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ކުޅެން އެރި 20 އަހަރުގެ ގޮންޒާލޯ ގާސިއާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ފަރާތުން ލޫކާ މޮޑްރިޗް އާއި އެންޑްރިކް ވަނީ ލަނޑު ޖަހާފަ އެވެ. ނަމަވެސް ލެގާނެސްގެ ހުއާން ކްރޫޒް ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.
މި މެޗަކީ ގޮންޒާލޯ ގާސިއާ ރެއާލް މެޑްރިޑްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މި ސީޒަނުގައި އޭނާ ވަނީ ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނު 21 މެޗުގައި 19 ލަނޑު ޖަހާފަ އެވެ. މެޗުގައި މޮޅުވުމުގެ ލަނޑު އޭނާ ޖެހީ ބްރާހިމް ޑިއާޒް ނަގައިދިން ހުރަހެއް ބޮލުން ޖަހައިގެންނެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ މި މެޗުގައި ގިނަ ބަދަލު ކުޅުންތެރިން ބޭނުންކުރި އެވެ. އެގޮތުން ކިލިއަން އެމްބާޕޭ މެޗުގެ ސްކޮޑުގައި ނުހިމަނޭއިރު، ވިނިޝިއަސް ޖޫނިއަ ކުޅެން އެރުވީ މެޗުގެ ދެވަނަ ހާފުގަ އެވެ.