ކޮޕަ ޑެލް ރޭ

ސެލްޓާ ވީގޯ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓާއަށް

ސްޕެނިޝް ކަޕުގެ ރޭ ކުޅުނު 16 ވަނަ ބުރުގެ މެޗުގައި، ސެލްޓަ ވީގޯއާ ދެކޮޅަށް އިތުރު ވަގުތުގައި އެންޑްރިކް ޖެހި ދެ ލަނޑާއެކު، 5-2 އިން މޮޅުވެ، ރެއާލް މެޑްރިޑުން ކުއާޓަ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ނެގީ ކިލިއަން އެމްބާޕޭ އެވެ. ދެން ދެވަނަ ހާފުގެ ފެށުނު ތާންގައި ވިނިޝިއަސް ޖޫނިއަ އިތުރު ލަނޑެއް ޖެހި އެވެ.

ނަމަވެސް ސެލްޓަ ވީގޯއިން މެޗުގެ ތެރެއަށް ވަރުގަދަކޮށް އެނބުރި އައެވެ. ޖޮނަތަން ބަންބާ 83 ވަނަ މިނެޓުގައި ލަނޑެއް ޖެހުމަށްފަހު، މެޗުގެ އެންމެފަހު މިނެޓުގައި މާކޮސް އަލޮންސޯ ޕެނަލްޓީއަކުން ލަނޑެއް ޖަހައި މެޗު އެއްވަރު ކުރި އެވެ.

އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން އިތުރަށް ކުރިއަށް ޖެހުނެވެ. އެއާ އެކު އެންޑްރިކް ދެ ލަނޑާއި ފެޑެރީކޯ ވަލްވާޑްގެ އެއް ލަނޑާއެކު މެޗު 5-2 އިން ނިންމާލި އެވެ.

މި މުބާރާތުގެ އެހެން މެޗުތަކުގައި އޮސަސޫނާއިން 3-2 އިން އެތްލެޓިކް ބިލްބާއޯ ބަލިކުރިއިރު، ރެއާލް ސޮސިއެޑާޑްއިން 3-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް، ކުއާޓަ ފައިނަލުގެ ޖާގަ ވަނީ ހޯދާފަ އެވެ.