ސްޕެނިޝް ކިންގްސް ކަޕް ނުވަތަ ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ގުރުއަތު ނެގުމުގައި، މުބާރާތުގެ ޗެމްޕިއަން ބާސެލޯނާއަށް ލައްވާލީ އެތުލެޓިކޯ މެޑްރިޑް އާ އެވެ. އަދި ރެއާލް މެޑްރިޑަށް ވަނީ ރެއާލް ސޮސިއެޑާޑް އާ ކުޅެން ޖެހިފަ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާ އިން މިހާތަނަށް ވަނީ 31 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން އެންމެ ފަހުން މި ތަށި އުފުލާލީ 2021 ވަނަ އަހަރު އެވެ.
އެތުލެޓިކޯ މެޑްރިޑުން ވަނީ 10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން އެންމެ ފަހުން މި ތަށި ހޯދީ 2013 ވަނަ އަހަރު އެވެ.
ރެއާލް މެޑްރިޑުން މިހާތަނަށް ވަނީ 20 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމުން މި ތަށި އުފުލާލީ 2023 ވަނަ އަހަރު އޮސަސޫނާ ބަލިކޮށްގެންނެވެ.
ރެއާލް ސޮސިއެޑާޑުން ވަނީ 2 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމުން މި ތަށި ހޯދީ 2020 ވަނަ އަހަރު އެތްލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 25 އަދި 26 ވަނަ ދުވަހު އެވެ. ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ އޭޕްރީލް 1 އަދި 2 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.
ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގެ ފުރަތަމަ މެޗު ކުޅޭނީ ބާސެލޯނާގެ ދަނޑުގަ އެވެ. އަދި ރެއާލް މެޑްރިޑް އާއި ރެއާލް ސޮސިއެޑާޑްގެ ފުރަތަމަ މެޗު ކުޅޭނީ ސޮސިއެޑާޑްގެ ދަނޑުގަ އެވެ.