ކުޅިވަރު

އެތުލެޓިކޯ އާއި ބާސާ، ރެއާލްގެ ކުރީގެ ކޯޗް މަރުވެއްޖެ

ސްޕެއިންގެ އެންމެ ވާދަވެރި ތިން ކުލަބު ކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކޯޗް ކޮށްދިން، ހަމައެކަނި ކޯޗް ރޯޑަމިއާ އަންޓިކް މަރުވެއްޖެ އެވެ.

ޔޫގޯސްލޭވިއާއަށް ނިސްބަތްވާ، އަންޓިކް މަރުވީ އުމުރުން 71 އަހަރުގަ އެވެ. އޭނާ މަރުވީ ވަރަށް ގިނަ ދުވަސްތަކެއްވީ ބަލި މަޑުކަމެއްގައި އުޅުމަށް ފަހު އެވެ. ކުރީގެ ޔޫގޯސްލޭވިއާގެ ގައުމީ ޓީމަށް ކުޅުނު އަންޓިކް ކުލަބު ކެރިއާގައި އެންމެ ގާހަގަ ވެގެން ދިޔައީ ސްޕެއިންގެ ރެއާލް ޒަރަގޯޒާއިންނެވެ.

އިނގިރޭސި ފުޓްބޯޅައިގައި އޭނާ މަޝްހޫރު ވެފައި ވަނީ ލިއުޓޮން ޓައުން އެފްސީ ރެލިގޭޝަނުން ސަލާމަތް ކޮށްދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އިނގިރޭސި ލީގްގައި މެއި 1983 ގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިއުޓޮން ކުޅުނު މެޗަކީ އެ ޓީމު ރެލިގޭޝަނުން ސަލާމަތް ވުމަށް ލިބުނު އެންމެ ފަހު ފުރުސަތެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވީއިރު ވެސް ލިއުޓޮން އޮތީ ފަހަތުގަ އެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި އަންޓިކް ލަނޑުޖަހައި ލިއުޓޮން ރެލިގޭޓް ނުވެ ސަލާމަތް ކޮށްދިނެވެ.

އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑަރީ ކޮމަންޓޭޓަރު ޖޯން މޮޓްސަން، ބީބީސީގެ ކޮމެންޓްރީގައި އެ ލަނޑު ސިފަކޮށްފައި ވަނީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ މޮޅަށް ސަލާމަތުގެ އައްސޭރި ހޯދި ލަނޑުގެ ގޮތުގަ އެވެ.

ކޯޗެއްގެ ގޮތުގައި، އަންޓިކްގެ މަސައްކަތް އެންމެ ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެތުލެޓިކޯ ވަނީ 1996 ގެ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

އަންޓިކްގެ ބައްޕައަކީ، ކުރީގެ ޔޫގޯސްލޭވިއާއިން ވަކިވެ ބޮސްނިއާ ވަކި ގައުމެއްގެ ގޮތުގައި އުފައްދަން މަސައްކަތް ކުރި ހަރަކާތުގެ އިސްސަފުގައި އުޅުނު މީހެކެވެ.