ކުޅިވަރު

ސެވިއްޔާއިންވެސް ޓްރާންސްފާއަށް 100 މިލިއަން ހޭދަކޮށްފި

ފަސް އަހަރު ވަންދެން، ސްޕެއިންގެ ކުލަބުތަކުން ޔޫރްޕަގައި ދެމެހެއްޓި ޑޮމިނެންސަށް މިދިޔަ އަހަރު ނާކާމިޔާބު ކުރިމަތި ވުމުން އާ ސީޒަނަށް ތައްޔާރު ވުމަށް ސްޕެއިންގެ ގަދަ ހަތަރު ކުލަބުން ބޮޑެތި ހޭދަތަކެއް ކޮށްފި އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން، މި އަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާއިންވެސް ދަނީ ބޮޑެތި ހޭދަތަކެއް ކުރަމުންވެ. އެތުލެޓިކޯއިން މިހާތަނަށް 200 މިލިއަން ޔޫރޯ ވަނީ ހޭދަ ކޮށްފަ އެވެ.

ސެވިއްޔާއިން ވަނީ 100 މިލިއަން ޔޫރޯ އަށް ވުރެ ގިނައިން ހޭދަ ކޮށްފަ އެވެ. ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ހުލެން ލޮޕެޓެގީ އާއެކު އާ ސިޒަނަށް ސެވިއްޔާއިން ވަރުގަދައަށް ތައްޔާރު ވަމުން އަންނައިރު، ޓްރާންސްފާގައި އެ ޓީމުން ވަނީ އަށް ކުޅުންތެރިން ސޮއި ކުރުވާފަ އެވެ.

ސެވިއްޔާގެ ސްޕޯޓިން ޑައިރެކްޓާ، މޮންޗީ ވާހަކަތައް ހުރި ގޮތުން ސެވިއްޔާއިން އަދިވެސް އިތުރު ހަރަދުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"އަހަރެމެން މަސައްކަތް މި ކުރަނީ އަހަރެމެންނަށް ލިބެން ހުރި އެންމެ ރަނގަޅު ކުޅުންތެރިން ކޯޗަށް ހޯދާ ދެވޭތޯ،" ޕޯޓޯގެ މިޑްފީލްޑަރު އޮލިވާ ޓޯރޭޒް ސެވިއްޔާއަށް ސޮއި ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން މޮންޗީ ބުންޏެވެ. "އަހަރެމެން ވިސްނަން ޓީމަށް އަންނަ ކުޅުންތެރިންނާއި އަދި ޓީމު ދޫކޮށްދާ ކުޅުންތެރިންނާ މެދު، އަހަރެމެން މަސައްކަތް މި ކުރަނީ ކުރިމަގަށް ޓީމެއް ބިނާ ކުރަން."

ސެވިއްޔާއިން ގެނެސްފައިވާ މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، އެއިބާގެ ކުރިގެ މިޑްފީލްޑަރު ޔޮއާން ޖޯޑަން، މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދެއްކި ވާތު ބެކް ސާޖިއޯ ރެގުލެން އަދި ހޮލެންޑްގެ ޕީއެސްވީގެ ފޯވަޑް ލޫކް ޑި ޔޯންގް ހިމެނެ އެވެ.

މޮންޗީ ބުނީ، މިހާރު ތިބި ކުޅުންތެރިންގެ ތެރެއިންވެސް ބައެއް އެހެން ކުޅުންތެރިންވެސް ވިއްކާލާނެ ކަަމަށެވެ. މިދިޔަ ތިން އަހަރު ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކި ޕަބެލޯ ސަރާބިއާ ވަނީ ޕީއެސްޖީއަށް ބަދަލު ވެފަ އެވެ.