ކަޓަލާންގެ ކުރިމަތި ލުމުގައި އެސްޕަންޔޯލް އިން އެފްސީ ބާސެލޯނާ އާ އެއްވަރު ކުރުމުން، ޕޮއިންޓްގެ ގޮތުން ބާސާ އާ ރެއާލް މެޑްރިޑް އަނެއްކާވެސް އެއްވަރު ވެއްޖެ އެވެ.
ރޭ ގެ މެޗުން ބާސާ މޮޅުވިނަމަ އެ ޓީމަށް އެއް ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނެގުނީހެވެ. މެޗު އެއްވަރުވީ 2-2 ންނެވެ. މެޗު އެއްވަރުވީ ބާސާގެ އެއް ކުޅުންތެރިޔަކު މަދުވި ފަހުންނެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ފްރޭންކީ ޑި ޔޯންގް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
ފުރަތަމަ ލީޑް ނެގީ އެސްޕަންޔޯލް އިންނެވެ. އެ ޓީމުގެ ލަނޑު 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް ލޯޕޭޒް އެވެ. ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް އެވެ. އޭގެ ނުވަ ވަނަ މިނެޓްފަހު އާޓްރޯ ވިޑާލް ލަނޑު ޖަހައި ބާސާއަށް ލިީޑް ނަގައިދިނެވެ.
ޑިޔޯންގް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. އެސްޕަންޔޯލްއިން ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނެޓްގައި ޗައިނާގެ ފޯވަޑް ވޫލީ އެވެ.
ބާސާ އާއި ރެއާލްއަށް ވެސް ލިބިފައި ވަނީ 40 ޕޮއިންޓެވެ. ބާސާ އަށް ތާވަލުގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ރޭ މެޑްރިޑްގެ ޑާބީ ގައި ރެއާލް ނުކުތީ ގެޓާފޭ އާ ދެކޮޅަށެވެ. ވަރުގަދަ އަށް ޕްރެސްކޮށްގެން ކުޅުނު ގެޓާފޭގެ މައްޗަށް ރެއާލުން ކާމިޔާބު ހޯދީ 3-0 ންނެވެ.
އެ ޓީމުގެ މޮޅު ކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ގޯލްކީޕަރު ޓިބޯ ކޯޓްއާ އާއި ޑިފެންޑަރު ރަފޭލް ވަރާން އެވެ. ފުރަތަމަ ހާފުގައި ގެޓާފޭއިން ފޮނުވާލި ގިނަ ހަމަލާތަކެއް ކޯޓްއާ ސަލާމަތް ކުރި އެވެ.
ރެއާލް އަށް ލީޑް ނަގައިދީ އެ ލީޑް ފުޅާ ކޮށްދިނުމުގައި ވަރާންގެ ހިއްސާ އޮތެވެ. ރެއާލްގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ގެޓާފޭގެ އޭރިއާގެ ބޭރުން ފާލެންޑް މެންޑީ ނެގި ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މެންޑީ ނެގި ހުރަސް ދިފާއު ކުރަން ގެޓާފޭގެ ކީޕަރު ޑޭވިޑް ސޯރިއާ ކުރިއަށް ނުކުތެވެ. ވަރާން ބޮލުން ފްލިކް ކޮށްލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސޯރިއޯ އަތުން ބޯޅައިގައި ޖެހި ނަމަވެސް އެ ބޯޅަ ކުރިއަށް ފޮނުވާ ނުލެވުމުންނެވެ. މަޑުމަޑުން ގޮސް ބޯޅަ ވަނީ ގޯލްގެ އެތެރެއަށެވެ.
ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ވަރާން ބޮލުން ކާމިޔާބު ކުރީ، ހިލޭ ޖެހުމަކުން ޓޯނީ ކްރޫޒް ނެގި ހުރަސް ބޮލުން ފޮނުވާލައިގެންނެވެ. ބޯޅަ ފޮނުވާލިރު އޮފްސައިޑް ކަމަށް ބުނެ ގެޓާފޭގެ ކުޅުންތެރިން އެޕީލް ކުރުމުން ވީއޭއާރް މެދުވެރިކޮށް ބެލި އެވެ. ވީއޭއާރުން ދެއްކީ އޮފްސައިޑް ނުވާ ކަމަށެވެ. ތިން ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ލުކަ މޮޑްރިޗް ކާމިޔާބު ކުރީ ފެޑްރީކޯ ވަލްވާޑޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ލެވަންޓޭގެ މައްޗަށް ކާމިޔާބު ހޯދައި އެތުލެޓިކޯ މެޑްރިޑްވެސް ވެސް ވަނީ ތިން ވަނަ އަށް ޖެހިލާފަ އެވެ. އެތުލިޓިކޯ މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޑިފެންޑަރު ފިލިޕޭ އާއި އޭންހަލް ކޮރެއާ އެވެ. ލެވަންޓޭގެ ލަނޑު ކާމިޔާބު ކުރީ ރޮޖާ މާޓީ އެވެ.
އެތުލެޓީކޯ އާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. އެތުލެޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ 35 ޕޮއިންޓެވެ. ސެވިއްޔާ އާއި އެތުލެޓިކޯ އެއްވަރުވީ ހުކުރު ދުވަހުގެ ރޭ އެތުލެޓިކް ކުލަބު ބިލްބާއޯ އާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު އެއްވަރ ވުމުންނެވެ.