ކުޅިވަރު

ބާސާ ބަލިވިއިރު ރެއާލްއަށް ފައިދާ ނުނެގުނު

އެފްސީ ބާސެލޯނާ ބަލިވެ، އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އެއްވަރުވި ނަމަވެސް އިއްޔެގެ އެންމެ ފަހުން މެޗުން މޮޅުވެ، ތާވަލުގެ އެއް ވަނަ އަށް ދާން ފުރުސަތު ލިބުނު ރެއާލް މެޑްރިޑަށް އޭގެ ފައިދާ ނުނެގުނެވެ.

ކެޕްޓަން ލިއޮނަލް މެސީ ޕެނަލްޓީން ލަނޑު ކާމިޔާބު ކޮށް ލީޑް ނެގި ނަމަވެސް ލެވަންޓޭއިން ފަހުން ކާމިޔާބު ކުރި ލަނޑުތަކުން ބާސާ ބަލިވީ 3-1 އިންނެވެ. އޭގެ ފަހުން ތާވަލުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެންމެ ފަހު މެޗުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ލެވަންޓޭ އާ ދެކޮޅަށް ބާސާގެ ލަނޑު މެސީ ޕެނަލްޓީން ކާމިޔާބު ކުރީ، 38 ވަނަ މިނެޓްގަ އެވެ. އޭނާގެ ވާތު ފައިން ފޮނުވާލި ޕެނަލްޓީ ވައްދާލީ ގޯލްގެ ކަނާތު މަތީ ދާގަނޑަށެވެ. އެ ޕެނަލްޓީ ލިބުނީ ބާސާގެ ނެލްސަން ސަމޭޑޯ އަށް ލެވަންޓޭގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ 60 ވަނަ މިނެޓާ ހަމައަށް ބާސާއިން ލިޑްގައި އޮތެވެ. ލެވެންޓޭއިން ފުރަތަމަ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކަމްޕަނާ އެވެ. ލެވަންޓޭއަށް ލީޑް ނަގައިދިން ލަނޑު އޭގެ ދެ މިނޓް ފަހުން ކާމިޔާބު ކުރީ ބްރޮހާ މަޔަރޯލް އެވެ. ލެވަންޓޭގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ނެމާނޯ ރޭޑޯޔާ އެވެ.

ސެވިއްޔާގެ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް އެންމެ ފުރަތަމަ ލީޑް ނެގީ ސެވިއްޔާއިންނެވެ. އެ ޓީމުގެ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފްރެންކޯ ވަޒްކޭޒް އެވެ. އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 60 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ އެވެ. ޑިއޭގޯ ކޯސްޓާއަށް މެޗުގެ ލީޑް ނަގަންވެސް ފުރުސަތު ލިބުނެވެ. މެޗުގެ 72 ވަނަ މިނެޓްގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް ސެވިއްޔާގެ ކީޕަރު ތޯމަސް ވެސްލިކް ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރުމުން ރީބައުންސަށް ދެން ނިކުތް ބޯޅަ އެތުލެޓިކޯގެ ކުޅުންތެރިޔަކު ފޮނުވާލުމުން އެ ބޯޅަވެސް ދިފާއު ކުރި އެވެ.

ބެޓިސްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސީޒަންގެ މިހާހިސާބަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އެޑެން ހަޒާޑެވެ. ރޭ އޭނާ ގޯލް ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ފަހުން ވީއޭއާރުން ދެއްކީ އޭނާ އޮފްސައިޑްގައި ހުރި ކަމަށެވެ.

ބާސާ އާއި ރެއާލް އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެ ޓީމަށްވެސް 22 ޕޮއިންޓެވެ. ބާސާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަ އެވެ. ދެ ޓީމަށްވެސް 21 ޕޮއިންޓެވެ. އެތުލެޓިކޯއަށް ތިން ވަނަ ލިބެނީ ފައިދާ ގޯލުންނެވެ.