ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ މެޑްރިޑަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، އެ ޓީމުގެ ފަހަތުގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާއަށް ފުރުސަތު ހުޅުވިއްޖެ އެވެ.
އެތުލެޓިކޯ އާއި ގެޓާފޭގެ މެޗުގެ ކުރިން، ރެއާލް މެޑްރިޑުން ވަނީ އެލްޗޭ އާ ދެކޮޅަށް ކުޅުނު މެޗު ކަރީމް ބެންޒެމާގެ ދެ ލަނޑުން 2-1 ން ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުގައި، ރެއާލް އާ ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު އެތުލެޓީއަށް ވަނީ ގެއްލިފަ އެވެ.
މެޗުގެ އެންމެ ފަހު 20 މިނެޓްގައި އެތުލެޓީ ކުޅުނީ ގެޓާފޭއަށް ވުރެ އިތުރަށް އެއް ކުޅުންތެރިޔަކާ އެކު އެވެ. އެހެންނަމަވެސް އޭގެ އެޑްވާންޓޭޖެއްވެސް އެތުލެޓީއަށް ނެގޭ ގޮތެއް ނުވި އެވެ. ގެޓާފޭގެ އެލަން ނިޔޯމްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އެ ޓީމުން ކުޅުނީ މެޗުގެ 70 ވަނަ މިނެޓުން ފެށިގެން އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ، އެތުލެޓީގެ ރެނަން ލޯޑީއަށް ކުރި ޓެކްލް ވީއޭއާރުން ރިވިއު ކުރުމަށް ފަހު އެވެ.
ކުރިން ރެއާލް އާ އެތުލެޓީ އާ ދެމެދު 10 ޕޮއިންޓް ހުރި ނަމަވެސް މިހާރު ފަރަގު ވަނީ ހަ ޕޮއިންޓަށް ކުޑަ ވެފަ އެވެ. މެޑްރިޑް އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި އެލްޗޭއިން ވަނީ ރެއާލްގެ މައްޗަށް މެޗުގެ 61 ވަނަ މިނެޓްގައި ލިޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޑެނީ ކަލްވޯ އެވެ.
ޓީމުގެ މިޑްފީލްޑަށް ގެނައި ބަދަލު ތަކާ އެކު ރެއާލްއިން ނަތީޖާ ބަދަލު ކުރި އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ޓީމުގެ މިޑްފީލްޑާ ލުކަ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފަހު ވަގުތުގައި ބެންޒެމާ ރެއާލް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރި އެވެ.
މާދަމާ ރޭ ހުއެސްކާ އާ ދެކޮޅަށް ނުކުންނަ ބާސާ މޮޅުވެއްޖެނަމަ އެ ޓީމަށް އެތުލެޓީ އާ ހަތަރު ޕޮއންޓަށް ކައިރި ވެވޭނެ އެވެ.