ރާއްޖޭގެ އިގްތިސޯދު ކުޑަކަމާއެކު އަބަދުވެސް ވަކި މިންވަރަކަށް ބޮޑެތި ބިޔަ މަސައްކަތްތައް ކުރަން ޖެހެ އެވެ. މަސައްކަތް ހިންގަން ޖެހެ އެވެ. އިކޮނޮމީ ކުރިއަށް ގެންދެވޭނީ އެގޮތަށެވެ. ހަމައެކަނި ޓޫރިސްޓުން އައި ނަަމަވެސް އިގްތިސޯދުގައި އެހެން ދިމަ ދިމާއިން ފޫއްބައި ދެނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ނުވަތަ ފޮރިން އިންވެސްޓްމަންޓް ތަކެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ތިބީ ތިބި 234 ފޮރިން އިންވެސްޓަރުން ނެވެ.
މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އިންވެސްޓަރުން އިންވެސްޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 2013 އިން ފެށިގެން 2018 ވަނަ އަހަރާ ދެމެދު އެވެ. އެ މުއްދަތުގައި ޓޫރިޒަމް ސިނާއަތުގެ އިތުރުން ރާއްޖެއަށް ފާސްޓް ފުޑް އަދި ފްރެންޗައިޒް ތައް ވެސް އިންވެސްޓް ކޮށްފައިވެ އެވެ. ނަމަވެސް 2020 ގައި ލައްވާލި ކޮވިޑާއެކު ފޮރިން އިންވެސްޓަރުން "ގޭބަންދު" ގެ އިންވެސްޓްމަންޓް އައުން މަދުވި އެވެ.
"ހަގީގަތަކީ ރާއްޖޭގައި އިންވެސްޓްމަންޓަށް ފަހި މާހައުލެއް ނެތް. ޓޫރިޒަމްގައި އިންވެސްޓް ކުރަނީ ކޮންމެހެން ސަރުކާރުން ހިންގާ ކަމަކުން ނޫން. ޕްރައިވެޓް ސެކްޓަރުގެ މީހުން އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން،" ރާއްޖެއަށް އިންވެސްޓްމަންޓް ހޯދުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ވޯލްޑް ބޭންކް އިން އެންމެ ފަހުން ނެރުނު ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރު ބޭރު އިންވެސްޓުމަންޓުން ފައިސާގެ ގޮތުގައި ލިބުނީ 956 މިލިއަން ޑޮލަރެވެ. ނުވަތަ އައިސްފައިވަނީ 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އިންވެސްޓްމަންޓުތައް ވަނީ 607 މިލިއަން ޑޮލަރު ވެއްޓި 300 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފަ އެވެ. ރާއްޖޭގައި އާއްމުކޮށް ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ކުރަނީ ޓޫރިޒަމް ސެކްޓާ އަށެވެ. މި މުއްދަތުގައި ޓޫރިޒަމް އިންވެސްމަންޓުތައް ބޮޑުތަނުން ދަށްވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު އެ އަހަރު ރާއްޖެއަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ. މިއާއެކު އެ އަހަރު ރާއްޖޭގައި ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އަގު 3.7 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. އަދި ރާއްޖެ އަށް މިދިޔަ އަހަރު 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) އިންވެސްޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ފޮރިން އިންވެސްޓަރުން އިންވެސްޓް ކުރާ ގޮތަށް ބަލާއިރު ޓޫރިޒަމް ސެކްޓާއަށް މުޅިން ވެސް ފައިނޭންސް ހޯދަނީ ބޭރުގެ ބޭންކް ތަކުންނެވެ. ނަތީޖާއަކަށް ވަނީ މި އިންވެސްޓްމަންޓުތަކުގެ ބޮޑު ބައެއް ބޭރުގެ ހިއްސާ އޮތުމެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރަން ހުރި އުނދަގޫތަކުގެ ސަބަބުން ޓޫރިޒަމް ނޫން އެހެން ސެކްޓާއެއްގައި އިންވެސްޓް ކުރަން އަންނަ މީހުން ނިސްބަތުން ވަރަށް މަދެވެ. މަސްވެރިކަމާއި ފައިނޭންސް އަދި މި ނޫންވެސް ދާއިރާތަކުން ރަނގަޅު މަގުތަކެއް ކޮށައި ދެވިފައެއް ނެތެވެ.
ޓޫރިޒަމް އިންވެސްޓްމަންޓް ގެންނަނީ އަމިއްލަ މީހުން
ފޮރިން އިންވެސްޓްމަންޓް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓް ކުރި އެއް ކުންފުންޏަކީ 1980 ވަނަ އަހަރު ފޮރިން އިންވެސްޓަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިހާރު ވެސް ހިދުމަތް ދެމުން ގެންދާ އިންޓަނޭޝަނަލް އޮޑިޓް ފާމް "ފްރައިސް ވޯޓާ ހައުސް ކޫޕާސް" އެވެ. ދެން ހިމެނެނީ 1988 ވަނަ އަހަރު އިންވެސްޓް ކުރި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އާއި މަޝްހޫރު ޓޫރިޒަމް ކުންފުނި ކުރެއްދޫ ހޯލްޑިންގް އެވެ. މީގެ ފަހުން މުޅިން ވެސް ގިނައިން އައިސްފައި ވަނީ ޓޫރިޒަމް ސެކްޓާގެ އިންވެސްޓްމަންޓް ތަކެވެ. ނަމަވެސް މިހާރު ރާއްޖޭގެ އިންވެސްޓްމަންޓް "ކްލައިމެޓްސް" ދައްކާ ގޮތުން ބޭރުގެ ޓޫރިޒަމް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެދާނެ ތޯ މިއީ ސުވާލެކެވެ.
މި ސުވާލު އުފެދެން މެދުވެރިވާ އެއް ސަބަބަކީ 16 ރަށުގައި ރިސޯޓު ހަދަން ހުޅުވާލައި އެންމެ ރަށެއްގައި ރިސޯޓު ހަދަން ފުރުސަތު ދޭން މަޖުބޫރުވުމެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ސަރުކާރުން ކުރާ ޓޫރިޒަމް އިންވެސްޓްމަންޓުތައް "ފެއިލްވުމު" ގެ މައިގަނޑު ސަބަބަކީ މުޅި އިންވެސްޓްމަންޓް މާހައުލު ރަނގަޅަށް ނޭނގުނެވެ
"ރާއްޖެއަކީ އެންމެ ޕްރިމިއަމް ޑެސްޓިނޭޝަން. އެކަމަކު ކިތަންމެ ޕްރައިމް ނަމަވެސް އިސްތިހާރު ކުރަން ޖެހޭ. ދުނިޔޭގައި އޮންނަނީ ރާއްޖެ އެކަންޏެއް ނޫން. ރާއްޖެ ކަހަލަ ގައުމުތައް ވެސް އެބަހުރި. އެ މީހުން އިންވެސްޓްމަންޓް އިސްތިހާރު ކުރޭ. ރާއްޖެއަކުން ނުކުރެވޭ. މިހެންވެ އެއްވެސް ހެބިޓެއް ނެތް މިތަނަށް މިހާރު. މި ފެންނަނީ އެ ހަގީގަތް،"
ނަމަވެސް މިކަން މިގޮތަށް ވިޔަ ނުދޭން ސަރުކާރުން އެކި މަސައްކަތްތައް ކުރެ އެވެ. މީގެތެރޭގައި "ރިއަލްއެސްޓޭޓް ޓޫރިޒަމް" ގެނައުމާއި މި ނޫންވެސް ބަދަލުތައް ގެނައުން ހިމެނެ އެވެ. އެކަމަކު މި ބަދަލުތަކުން ނަތީޖާ ފެނޭ ހެއްޔެވެ؟ މީގެ ނަތީޖާ ފެންނަ ނަމަ ރާއްޖޭގެ އެކި ހިސާބުތަކަށް އިންވެސްޓްމަންޓް ނާންނަނީ ކީއް ވެގެން ހެއްޔެވެ؟
ބޭރުގެ އިންވެސްޓަރުން ނުލިބުމުގެ މިސާލެއް ރާއްޖޭން ނަގާނަމަ އެންމެ ރަނގަޅު ތަނަކީ އައްޑު އަތޮޅެވެ. "ސަދަން ރީޖަން" އަށް އިންވެސްޓްމަންޓް ފަހި ކުރަން ވާހަކަ ދައްކާތާ ވީދުވަހެއްވީ އެވެ. އެކަމަކު އެކަމެއް ހަމަ ނުވެ އވެ. އެ ވާހަކަ ދައްކާތާ އެތައް އަހަރުތަކެއްވީ ނަމަވެސް ހިނގައި ގަންނަ ގޮތެއް ނުވެ އެވެ. ރިސޯޓު ތަކެއް ހުރި ނަަމަވެސް އެ ތަންތަނަކަށް ދިރުމެއް ނުލިބެ އެވެ. އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތްނަމަވެސް ދިރުން ލިބޭ ގޮތެއް ނުވި އެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދަށް ޝައުގުވެރިވާނެ ބަޔަކު ނުވަނީ ހެއްޔެވެ؟
އިންވެސްޓްމަންޓް ޕްރޮމޯޓެއް ނުކުރެވޭ
އައްޑޫއަށް އިންވެސްޓްމަންޓް ގެނައުމާ ބެހޭ ގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ހުވަދު އަތޮޅާއި މާލެ އަތޮޅުގައި އިންވެސްޓްކޮށްފައިވާ، މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ހުވަދު އަތޮޅުގައި ފުރަތަމަ އިންވެސްޓް ކުރިއިރު އެތައް ބަޔަކު މަލާމާތް ކުރި އެވެ. ނަމަވެސް އެކަން ވަރަށް ކާމިޔާބެވެ.
"އަޅުގަނޑު އެކަނި އިންވެސްޓަރުންގެ ކައިރިއަށް ގޮސްގެން ސަދަން އޭރިއާގައި [ހުވަދު އަތޮޅު] ގައި 1،300 އެނދު އެ ހުރީ ޑިވްލޮޕް ކޮށްދީފަ. މިހާރު އެއާޕޯޓުގެ ބޭސިކް އިންފްރާސްޓްރަކްޗާ އެހުރީ އެޅިފަ. ދެން މަސައްކަތް ބަދަލު ކުރަންވީ ބޭރުގެ ޔޫރަޕުގެ ގައުމުތަކުގައި ވެސް ހަދާ ގޮތަކީ ބޭރުގެ މަލްޓިނޭޝަނަލް ކުންފުނިތަކުގެ އަތުގައި ހިފަނީ. އަޅުގަނޑު ގަބޫލު ކުރަނީ ސަދަން އޭރިއާ ޑިވްލޮޕް ކުރެވޭނީ އިންވައިޓް ކޮށްގެން، ޓާގެޓެޑް އިންވެސްޓާސް ގެނެސްގެން ކަމަށް،" ޖަނާހު ވިދާޅުވި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވި ގޮތުގައި އައްޑޫ ސަރަހައްދަށް އިންވެސްޓަރުން ގެނެވޭނެ އެއް ގޮތަކީ ވަކި އެސޯއޭޓެޑް ބްރޭންޑެއްގެ ގޮތުގައި އިސްތިހާރު ކުރުމެވެ.
"ސަދަން ޓޫރިޒަމް ރަނގަޅަށް ކުރިއަށްދާނަމަ މިހާރު ލާމަރުކަޒީ ނިޒާމުން ދައުލަތް ހިންގަން އެކުލަވާލެވިފައި ވެސް އޮތީމަ އަޅުގަނޑަށް ފެނަނީ އޮޕަރޭޝަނަލައިޒް ކުރުން. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގޮޕްތެއް ހުންނަން އެބަޖެހޭ. އެތަން ތަމްސީލް ކުރަން ހުންނަވަން ވާނީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެއް. ޕްރޮޑަކްޓް ޑައިވިސައިފް ނުވާތީ ބްރޭންޑް ޑިފެރިއަންސިއޭޓް ނުވޭ. ރާއްޖޭގައި ނެތް ނޮޓިކަލް ޓޫރިޒަމް ޑެސެޓިނޭޝަނެއް. ހުޅުދޫ މީދޫ އާއި ހިތަދޫއާ ދެމެދުގެ އޮތް ފަޅު އަޅުގަނޑު ފެންނަނީ ނޮޓިކަލް ޓޫރިޒަމް [ކްރޫޒްލައިން ޓޫރިޒަމް] ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ކަމަށް،" ޝައުގީ ވިދާޅުވި އެވެ.
ހަގީގަތަކީ ރާއްޖެއަކީ އިންވެސްޓަރުންގެ މަންޒިލެއްގެ ގޮތުގައި ހަދަން މަސައްކަތެއް ނުކުރެ އެވެ. ކުރިން އިންވެސްޓާސް ފޯރަމް ބޭއްވި ނަމަވެސް މިހާރު އެކަމެއް ވެސް ނުކުރެ އެވެ. އިންވެސްޓްމަންޓް ގެންނަ "އިންވެސްޓް މޯލްޑިވްސް" އޮތް ނަމަވެސް އެކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެ ކުންފުނި ވިންދު ޖަހާ ހެއްޔެވެ؟ ބޭރުގެ އިންވެސްޓަރުން ގެންނަމަ މިހުރިހާކަމެއް ރަނގަޅު ކުރަން ޖެހެ އެވެ.