ރާއްޖޭގައި ހަރަކާތްތެރިވާ ފޮރިން އިންވެސްޓަރުންގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުތަކަށް ތަބާވާން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓް ކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާއި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހުއްދަ މި މިނިސްޓްރީން ހޯދައި ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކަމަށެވެ.
އަދި ރާއްޖޭގައި އިންވެސްޓުކުރުމުގެ ކުރިން މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކޮށް، ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި ފޮރިންޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ އެކުލަވާލައި 11، ފެބްރުއަރީ 2020 ގައި ގެޒެޓް ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ އެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައާ ނުލައި ނުވަތަ ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓް ކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، އެހެން އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަކީ އެފްޑީއައި ޕޮލިސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ޖޫރިމަނާކޮށް އެ ވިޔަފާރި އަކަށް މަސައްކަތް ހަވާލުކުރި ފަރާތާއިމެދު ވެސް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ.
އިތުރަށް ބުނީ ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް އަމަލުކޮށްފިނަމަ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް މުއްދަތެއް ދީ، އިސްލާހުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި އެގްރިމެންޓް ބާތިލް ކުރެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ސަރުކާރުގެ މަޝްރޫއުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާއި ޕްރައިވެޓް ސެކްޓަރު މަޝްރޫއުތަކަށް ކުރިމަތިލާ ބޭރުގެ ފަރާތްތަކަށް މަޝްރޫއު އެވޯޑު ކުރުމުގެ ކުރިން، އެ ފަރާތަކުން، އެފަދަ މަޝްރޫއެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުމަށް އަންގާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް 294 މިލިއަން ޑޮލަރު އިންވެސްޓްމަންޓް އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް 3.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އައިސްފައިވެ އެވެ.