ފޮރިން އިންވެސްޓްމެންޓް

ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީ ފީން މިލިއަނެއް

ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްގެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީން މިދިޔަ މަހުގެ ނިޔަޔަށް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޖިސްޓްރީން ކުރި ފޮރިން އިންވެސްޓްމަންޓްތަކުން ދައުލަތަށް ލިބުނު ފީގެ އާމްދަނީއަކީ 967,560 ރުފިޔާ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފޮރިން އިންވެސްޓްމަންޓް ފީއިން މިދިޔަ މަހު އެކަނި 612,550ރ. ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ލިބިފައިވަނީ 261,240ރ. އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފޮރިން އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި 38 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ޓޫރިޒަމް ސިނާއަތުގައި ކުރި 11 އިންވެސްޓްމަންޓާއި އެހެނިހެން ސިނާއަތް ތަކުގައި ކުރި 27 އިންވެސްޓްމަންޓެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގައި 89 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފައިވެ އެވެ. އަދި ޓޫރިޒަމް ނޫން އެހެނިހެން ދާއިރާތަކުގައި 205 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މިދިޔަ އަހަރު ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު 294 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު، އެ އަހަރު ރާއްޖެ އަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ.