ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރަޖިސްޓްރީ ފީ ގެ ގޮތުގައި ވޭތުވެދިޔަ އަށް އަހަރު އެންމެ ބޮޑު ފީއެއް ދައުލަތަށް ލިބުނު އަހަރަކަށް މިދިޔަ އަހަރު ވެއްޖެ އެވެ. އެއީ ހަ މިލިއަން ރުފިޔާ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި ރާއްޖޭގައި މިދިޔަ އަހަރު ރަޖިސްޓްރީ ކުރި ފޮރިން އިންވެސްޓްމަންޓްތަކުން ފީގެ ގޮތުގައި ހަ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އޭގެ ކުރީ އަހަރު ފީ އަކީ ތިން މިލިއަން ރުފިޔާ އެވެ.
އަށް އަހަރު ފޮރިން އިންވެސްޓްމަންޓް ފީ
- 2014- 1.1 މިލިއަން
- 2015- 1.8 މިލިއަން
- 2016- 2.2 މިލިއަން
- 2017- 2.1 މިލިއަން
- 2018- 2 މިލިއަން
- 2019- 1.7 މިލިއަން
- 2020- ތިން މިލިއަން
- 2021- 6 މިލިއަން
މިދިޔަ އަހަރު ގިނަ އަދަދެއްގެ ފޮރިން އިންވެސްޓްމަންޓް (އެފްޑީއައި) ރަޖިސްޓްރީކޮށްފައިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ މިނިސްޓްރީން މި ހިސާބުތައް އަދި އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގޮތުގައި 2020 އަހަރު ރާއްޖެ އަށް 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ވަނީ އައިސްފަ އެވެ. އެ އަހަރު ރާއްޖޭގައި 38 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ސިނާއަތުގައި ކުރި 11 އިންވެސްޓްމަންޓާއި އެހެނިހެން ސިނާއަތް ތަކުގައި ކުރި 27 އިންވެސްޓްމަންޓެވެ.
މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގައި 89 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފައިވެ އެވެ. އަދި ޓޫރިޒަމް ނޫން އެހެނިހެން ދާއިރާތަކުގައި 205 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. އަދި 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު، އެ އަހަރު ރާއްޖެ އަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ.