ރާއްޖެއަށް މިދިޔަ އަހަރު 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) ގެ ފޮރިން އިންވެސްޓްމަންޓް (އެފްޑީއައި) ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ބޮޑު ބައެއް ކޮވިޑް-19 ގެ ހާލަތުގައި ދިޔަ ނަމަވެސް ރާއްޖެ އަށް ފޮރިން އިންވެސްޓަރުންގެ ޝައުގުވެރިކަން އޮތްކަން އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރި އަދަދު ތަކުން އެނގެ އެވެ.
"މިދިޔަ އަހަރު އިންވެސްޓްމަންޓް ރަޖިސްޓްރީން ކުރި ނަމަވެސް މި އިންވެސްޓްމަންޓުތަކުގެ މަސައްކަތް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި،" ވިސާމް ވިދާޅުވި އެވެ.
2019: ރާއްޖެއަށް 3.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް
އިިކޮނޮމިކް މިނިސްޓްރީން އަވަސް އަށް ހިއްސާކުރި މައުލޫމާތު ތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖެ 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު، އެ އަހަރު ރާއްޖެ އަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ.
މީގެތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ 33 މަޝްރޫއެއްގައި އިންވެސްޓްކުރި 817 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި އެހެނިހެން 45 ދާއިރާއެއްގައި އިންވެސްޓްކުރި 2.9 ބިލިއަން ޑޮލަރު އިންވެސްޓްމަންޓެވެ. މިއާއެކު އެ އަހަރު ރާއްޖޭގައި ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އަގު 3.7 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ.
2020: ޓޫރިޒަމަށް 89 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް
އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ބޮޑުބައި ކޮވިޑް-19 ގެ ތެރޭގައި ދިޔަ މިދިޔަ އަހަރު ރާއްޖޭގައި 38 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ޓޫރިޒަމް ސިނާއަތުގައި ކުރި 11 އިންވެސްޓްމަންޓާއި އެހެނިހެން ސިނާއަތް ތަކުގައި ކުރި 27 އިންވެސްޓްމަންޓެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގައި 89 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފައިވެ އެވެ. އަދި ޓޫރިޒަމް ނޫން އެހެނިހެން ދާއިރާތަކުގައި 205 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މިދިޔަ އަހަރު ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު 294 މިލިއަން ޑޮލަރަށް އަރަ އެވެ.
ޓޫރިޒަމް ނޫން އިންވެސްޓް ކުރި ދާއިރާތައް
- ދަނޑުވެރިކަން
- އިމާރާތްކުރުން
- ފޮރިން އެކްސްޗޭންޖުގެ ވިޔަފާރި
- އިންޝުއަރެންސް ބްރޯކަރުން
- މެނުފެކްޗަރިން
- ބޯޓު ބިލްޑިންގް
- ވެސަލް އޮޕަރޭޓިން
- ފިޝް ޕްރޮސެސިން މަސައްކަތް
- ސަބްމެރިން
- ކުނި ނައްތާލުން
- މޫދު ކުޅިވަރު
- ހޯލްސޭލް ޓްރޭޑިން އެންޑް ކޮންޓްރަކްޝަން
ރަޖިސްޓްރާ ވިސާމް ވިދާޅުވީ ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ރާއްޖެ އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
"މިހާރު ގެނެސްފައިވާ ބަދަލުތަކުން އަންނަ އިންވެސްޓްމަންޓުގެ އަދަދު އިތުރު ވެގެންދާނެ،" ވިސާމް ވިދާޅުވި އެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ޓޫރިޒަމާ ގުޅުންހުރި ފޮރިން އިންވެސްޓްމަންޓް އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފޮރިން އިންވެސްޓްމަންޓް އައިސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގައި އިންވެސްޓްމަންޓަށް ފަހި ކުރަން ރިސޯޓު ހަދަން ދިން ލުއިތަކާއެކު ފަސް އަހަރުތެރޭ 50 ރިސޯޓެއް ހުޅުވި އެވެ. އަދި މިހާރު ހުޅުވަމުންދާ ގިނަ ރިސޯޓު ތަކަކީ ވެސް އެ ވެރިކަމުގައި ދޫކުރި ރަށްތަކެވެ.
ޓޫރިޒަމް ސެކްޓާގެ މަޝްރޫއު ތަކަށް ގިނަ އިންވެސްޓަރުން އައުމުގެ އެއް ސަބަބަކީ މި އިންވެސްޓްމަންޓުތަކުގެ ރިޓާން ލިބުން އަވަސްވުމެވެ. ރާއްޖޭގެ ޓޫރިޒަމް ސެކްޓާގައި އިންވެސްޓްކޮށްގެން މީގެ ފަސް އަހަރު ކުރިން ހަތް އަހަރުތެރޭގައި އިންވެސްޓްމަންޓުގެ ރިޓާން ލިބެ އެވެ. ނަމަވެސް ޓޫރިޒަމް ޕްރޮޕަޓީތައް ގިނަވެ، ގެނެވޭ ޓޫރިސްޓުންގެ އަދަދު މަދުވުމުން އިންވެސްޓްމަންޓުގެ ރިޓާން މިހާރު ވަނީ 10 އަހަރަށް އިތުރުވެފަ އެވެ.