ވިޔަފާރި

ސަރުކާރަށް ހަތް މަސް: 30 ފޮރިން އިންވެސްޓްމަންޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި އަހަރުގެ މިހާތަނަށް 30 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްދެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރަން ޗަމްޕާ ސެންޓަރަލްގައި މިހާރު ކުރިއަށްދާ "ނުވަގަޑި" ގައި އަވަސް އަށް ދެއްވި އިންޓަވިއުއެެއްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް ވިދާޅުވީ ގިނަ އަދަދެއްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރަޖިސްޓްރީ ކުރަމުންދާ ކަމަށާ، އެކަމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ވެސް ހުރި ކަމަށެވެ.

"ފޮރިން އިންވެސްޓްމަންޓެއް ރަޖިސްޓްރީވެ، ކެޕިޓަލް އިންވެސްޓްމަންޓުގެ ބައި ރިއަލައިޒް ވާން އެބަނަގާ ގާތްގަނޑަކަށް ހަ މަސް ވަރު. އެއީ ޖުމްލަ ގޮތެގައި ރާއްޖެ އައިސް މޮބިލައިޒްވުމާއި ވަޒީފާ ތަކަށް މީހުން ނެގުން ފަދަ ކަންކަން ކުރަން. އޭރުން އެ ރިއަލައިޒްވީ. މިހާތަނަށް ރިއަލައިޒްވީ ކިހާ ފޮރިން އިންވެސްޓްމަންޓެއްކަން އެނގޭނީ އެއް އަހަރުވީމަ މާލީ ހިސާބުތައް ދިރާސާ ކުރުމުން،" ވިސާމް ވިދާޅުވި އެވެ.

ރެޖިސްޓްރާ ވިދާޅުވީ ގިނަ އިންވެސްޓްމަންޓްތައް ކޮށްފައިވަނީ ޓޫރިޒަމް ސެކްޓާގައި ކަމަށާ އަދި އެހެން ދާއިރާތައްވެސް ހިމެނޭ ކަމަށެވެ.

"ކޮންސްޓްރަކްޝަން ސިނާއަތުގައި ފުދޭ ވަރަކަށް ގިނަ ކުންފުނި ތަކެއް އެބަ ދިވެހި ޕާޓީތަކާއެކު ޖޭވީ [ޖޮއިންޓްވެންޗާ] އުސޫލުންނާއި ފަސް މިލިއަން ޑޮލަރަށްވުރެ ބޮޑެތި މަޝްރޫއުތަކުގައި 100 ޕަސެންޓް ފޮރިން ކޮމްޕެނީތައް ވެސް ހަރަކާތްތެރިވޭ،" ވިސާމް ވިދާޅުވި އެވެ.

ރަޖިސްޓްރާ އިތުރަށް ވިދާޅުވީ މިހާރު ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަ ބަދަލުތަކުން އިންވެސްޓްމަންޓު އަންނަ އަދަދު އިތުރުވާނެ ކަމަށެވެ.

"މި މަސައްކަތް ކުރަނީ ރާއްޖޭގައި ފަސޭހައިން ވިޔަފާރި ކުރެވޭނެ ކަހަލަ ނިޒާމަކަށް ދާން. އަސްލު ހަގީގަތުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖެއަކީ ފަސޭހަ އިން ވިޔަފާރި ފެށޭ ގައުމަކަށް ހެދުން. މިދިޔަ ފަސް އަހަރު ދުވަހަށް ބަލާލި ނަމަވެސް ޑުއިން ބިޒްނަސް ރޭންކިން [ވޯލްޑް ބޭންކް] ގައި ރާއްޖެ އަށް ކުރިއެރުންތަކެއް ލިބިފައެއް ނެތް. ސުވާލަކީ މި ކުރިއެރުން ނުލިބޭ ސަބަބަކީ ކޮބައިތޯ؟ ވޯލްޑް ބޭންކުން ބަލާ ކުންފުނި ރަޖިސްޓްރީ ކުރުމުގެ އިތުރުން ވެސް ގިނަ ކަންތައްތަކަށް،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ލިބޭ ހިދުމަތްތަށް ހަމައެކަނި ފުރިހަމަކޮށްގެން ރާއްޖެއަކީ "ވިޔަފާރި އަށް ފަސޭހަ" ގައުމުތަކުގެ ލިސްޓުގައި ކުރިއަށް ނުޖެއްސޭނެ ކަމަށެވެ.

"ޓްރޭޑިން އެކްރޮސްބޯޑާސް އަކީ ވެސް ބަލާ އެއް ކަންތައް. ވިޔަފާރި އެއް ފަށާއިރު ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދަން ބޭނުންވަނީ ކިހާ ވަގުތެއް ތޯ ބަލާ. ދަންނަވަން މިއުޅޭ ވާހަކައަކީ މިނިސްޓްރީގައި ހުރި ކަންކަން ހަމައެކަނި ފުރިހަމަ ކޮށްގެން މިކަންނުވާނެއޭ. މީގެ އިތުުރުން ކަމާގުޅޭ އެކި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ. މީގައި މީރާ އާއި ކަސްޓަމްސް އަދި އެމްޕީއެލް އާއި ޕެންޝަން އޮފީސް ފަދަ ތަންތަން ވެސް ހިމެނޭ،" ވިސާމް ވިދާޅުވި އެވެ.

ރަޖިސްޓްރާ ވިދާޅުވީ ވޯލްޑް ބޭންކުގެ ރޭންކިން ރަނގަޅު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ، އެކަމަށް މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"މިނިސްޓަރުގެ ވަރަށް ބޮޑު އިސްނެންގެވުމެއް މިއީ. އެހެންވެ މިހާރު ވޯލްޑް ބޭންކާއެކު ބައްދަލުވުން ތަކެއް ބޭއްވިއްޖެ. އެ [ވޯލްޑް ބޭންކް] ގެ ޓީމްތަކަކީ ރަނގަޅު ކުރަން ޖެހޭ ކަންކަން ކިޔައިދޭ ބައެއް. ކުރެވޭނީ ކޮން ކަމެއް ތޯ ބަލާނެ. ރަނގަޅު ކުރަން ޖެހޭ ކަންކަން ބުނެދޭނެ. އެގޮތުން އެއް ކަމަކަށް ގާނޫނު ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން. އެހެން ވުޒާރާ ތަކުން ގެންނަން ޖެހޭ ބަދަލުތައް ވެސް. މި އަހަރުގެ ނިޔަލަށް އެހެން ވުޒާރާ ތަކުން ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރެއްވިއްޖެނަމަ ރޭންކިން ރަނގަޅު ކުރަން ބޮޑު ބާރަކަށް ވެގެންދާނެ،" ވިސާމް ވިދާޅުވި އެވެ.

ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި ގައުމަކަށް ހެދުމުގެ ގޮތުން ޓެކްސް ނިޒާމު އިސްލާހުކޮށް، ވިޔަފާރިއާ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި މިއާއެކު ދާދިފަހުން ސަރުކާރުން ވަނީ އެހީ ހޯދުމުގެ ގޮތުން "ޕާޓްނާޝިޕް ފޯރަމެއް" ވެސް ބާއްވާފަ އެވެ.