ވިޔަފާރި

ޖަރުމަނުން އިންވެސްޓަރުން ހޯދަން ވެބިނާއެއް ބާއްވައިފި

Jan 28, 2021

ސަރުކާރުގެ ގިނަ މިނިސްޓްރީތައް ގުޅިގެން ޖަރުމަނުން އިންވެސްޓަރުން ހޯދަން ވެބިނާއެއް ބާއްވައިފި އެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި މި ވެބިނާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ވެބިނާގައި ޖަރުމަނުގެ ފެޑަރަލް އެސޯސިއޭޝަން އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އެންޑް ފޮރިން ޓްރޭޑް (ބީޑަބްލިއުއޭ) އާއި ޔޫރަޕުގައި ހުންނަ ރާއްޖޭގެ އެމްބަސީ ތަކުން ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ބައެއް އިންވެސްޓަރުން ބައިވެރިވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ،

މި ސަރުކާރު އައި ފަހުން ވަނީ އިންވެސްޓަރުން ހޯދަން ޕާޓްނާޝިޕް ފޯރަމްގެ ނަމުގައި ބައްދަލުވުމެއް ބާއްވާފަ އެވެ. މި ފޯރަމްގައި ގިނަ އިން ބައިވެރިވެފައި ވަނީ ގައުމުތަކުގެ އެމްބަސީތަކުގެ އިސް ބޭފުޅުންނެވެ. ނަމަވެސް ސަރުކާރުން އޭރު ބުނީ މި ބައްދަލުވުމުގެ ސަބަބުން ގައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަވެ، ރާއްޖެ އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރު ވެގެންދާނެ ކަމަށެވެ.