ރިޕޯޓް

އިންވެސްޓަރުންނަށް ތަފާތު އެއްޗެއް "ވިއްކި" ޒުވާނުން!

  • ހަތަރު ޒުވާނުންގެ ހުރިހާ ހަރަދެއް ދިނީ ސަރުކާރުން
  • ޒުވާނުން އުފެއްދި ސޮފްޓް ވެއާތައް ގިނަ ބަޔަކު ބެލި
  • ބައެއް އެޕްތަކަށް ރަނގަޅު ހުށަހެޅުންތަކެއް

އިންވެސްޓްމަންޓް ފޯރަމް ފެށިއިރު، އެންމެންގެ ލޮލުގައި އަޅައިގަތް ކަމެއް އޮތެވެ. މި ފޯރަމްގެ އެގްޒިބިޝަން ހޯލުގެ މެދުގައި ހަދާފައިވާ ސްޓޭންޑެއްގައި ތިބި ހަތަރު ޒުވާނެކެވެ. ވަށައިގެން މިލިއަން ޑޮލަރުގެ އަގު ބޮޑު ކުންފުނިތަކުގެ ސްޓޯލްތައް ހުރިއިރު، މިތަނުގެ މެދުގައި ހަތަރު ޒުވާނުން މި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މި ޒުވާނުންނަކީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އެންމެ ތަފާތު އެއްޗެއް "ވިއްކި" މީހުންނެވެ. މި ޒުވާނުންގެ އިންވެސްޓަރުންގެ ކުރިމައްޗަށް ހުށަހެޅީ، ރާއްޖޭގައި ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަން ތަނެވެ. ކުރުކޮށް ބުނާނަމަ "އެޕް" ތަކެވެ.

"ވަރަށް ތަފާތު ތަޖުރިބާއެއް މިއީ. ކުރިން ދުވަހަކު ވެސް މި ކަހަލަ ފުރުސަތެއް ނުލިބޭ. އެހެންވެ ބުނެވޭނީ މިއީ ރަނގަޅު ފެށުމެކޭ،" މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި މުޅިން އަލަށް ބައިވެރިވި، އަރުޝަދު އަހުމަދު ބުންޏެވެ.

މުޅިންއާ އިންޑަސްޓްރީއެއް ތަރައްގީ ކުރުމުގެ މަގުސަދުގައި ސަރުކާރުން ހުޅުވާލި، ފުރުސަތުގެ ބޭނުން ހިފައި މި ޒުވާނުން ބައިވެރިކޮށްފައިވަނީ މުޅިން ތަފާތު ހުނަރެއް ދައްކާލުމަށެވެ. އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށް ހުޅުވާލި މުބާރާތެއްގެ ތެރެއިން ހޮވުނު ހަތަރު ޒުވާނުން ނިއުދިއްލީ އަށް ދިއުމާއި ހުރިހާ ހަރަދެއް ދީފައިވަނީ ސަރުކާރުންނެވެ. މި ޒުވާނުންގެ ތެރެއިން އެކަކު ހުށަހަޅާފައިވަނީ ގެސްޓް ހައުސް ބުކިން އެޕްލިކޭޝަން އެކެވެ. އަދި އަނެއް ޒުވާނަކު ލޭންގްއޭޖް އެޕްލިކޭޝަނެއް ހުށަހެޅިއިރު ދެން އެންމެ ހާއްސަ އެޕްލިކޭޝަނަކަށްވީ ހޮސްޕިޓަލް ބުކިން ހައްދައިދޭ އެޕްލިކޭޝަން އެކެވެ.

"ނިކްސް ހޮޓެލް" ގެ ނަމުގައި ބުކިން އެޕްލިކޭޝަނެއް ތައްޔާރުކޮށް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވި، އަފާޒު އަލީ ބުނީ އިންވެސްޓްމަންޓް ފޯރަމުން ގިނަ ކަންތައްތަކެއް އެނގިއްޖެ ކަމަށާއި ތައްޔާރުވާން އިތުރު ވަގުތު ލިބުނުނަމަ، މިހާރަށް ވުރެ ބޮޑަށް ތައްޔާރު ވެވޭނެ ކަމަށެވެ.

އައިޓީ އިންޑސްޓްރީގައި މި ސަރަހައްދުގައި ކުރިއަރަމުން އަންނަ އިންޑިޔާ އަށް ދިވެހި ޒުވާނުންގެ އެޕްލިކޭޝަންތަކާއެކު ކުރި ދަތުރަކީ މި ބައިވެރިންނަށް ތަފާތު ތަޖުރިބާ އެކެވެ. މި ފޯރަމަށް ދިޔަ ގިނަ ބަޔަކު ވަނީ އެޕްލިކޭޝަންތައް ބަލައި އޭގެ މައުލޫމާތު ހޯދައިފަ އެވެ. އަދި އިންޑިޔާގެ އައިޓީ ފާމެއް ހިންގާ ފަރާތެއް ވަނީ ބައެއް ހުށަހެޅުން ތަކަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އިންވެސްޓްމަންޓް ފޯރަމުން ނިކްސް ހޮޓެލް ސޮފްޓްވެއާއަށް ރަނގަޅު ޝައުގުވެރި ކަމެއް ލިބިގެން ދިޔަ ކަމަށެވެ.

"އަސްލު މިއީ ޒުވާނުނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ހާއްސަކޮށް މިފަދަ ކަމެއް ފަށައި ގަންނަން ބޭނުންވާ ފަރާތަކަށް،" އަފާޒު ބުންޏެވެ.

އިންޑިޔާ އަށް ދިވެހި ޒުވާނުންގެ އެޕްލިކޭޝަންތަކާއެކު ކުރި ދަތުރަކީ މި ބައިވެރިންނަށް ތަފާތު ތަޖުރިބާ އެކެވެ. މި ފޯރަމަށް ދިޔަ ގިނަ ބަޔަކު ވަނީ އެޕްލިކޭޝަންތައް ބަލައި އޭގެ މައުލޫމާތު ހޯދައިފަ އެވެ. އަދި އިންޑިޔާގެ އައިޓީ ފާމެއް ހިންގާ ފަރާތެއް ވަނީ ބައެއް ހުށަހެޅުން ތަކަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

އަފާޒު ބުނި ގޮތުގައި ކްލައިންޓެއް ނުލިބުނަމަވެސް، ޓްރެވަލް ސޮފްޓް ވެއާއެއް ހެދުމުގެ ފުރުސަތެއް އިންޑިޔާގެ ވިޔަފާރިވެރިއަކު ހުށަހަޅާފައިވާ ކަމަށެވެ.

"ސީދާ އިންވެސްޓަރެއް ނުލިބުނު ނަމަވެސް އިންޑިޔާގެ އައިޓީ މީހަކު އެ ބައިން ހުށަހެޅުމެއް ލިބިފައި، މިއީ އަސްލު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެނީ،" އަފާޒު ބުންޏެވެ.

ހަތަރު ޒުވާނުންގެ އުންމީދަކީ މުޅިން އަލަށް ލިބުނު ފުރުސަތުގެ އިތުރުން، އާ ފުރުސަތު ތަކެއް ލިބުމެވެ. އަދި އައިޓީ ދާއިރާ އަށް ނުކުންނަން ތިބި އެހެން ކުދިންނަށް ވެސް މިފަދަ އާ ފުރުސަތުތައް ލިބުމެވެ. ހަމަޔަގީނުންވެސް މިއީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އެންމެ ތަފާތު ޕްރޮޑަކްޓެއް ވިއްކި ޒުވާނުންނެވެ.