- އިންވެސްޓަރުން ނުލިބި، ސުމެއް
- އެއްވެސް ދިރާސާއެއްގެ ނަތީޖާއެއް ނައި
- މުޅީން އައީ އައިހެވަންގެ ބޮޑެތި ސުރުހީ
އިގްތިސޯދުގައި އޮތް ޓޫރިޒަމްގެ ބަރޯސާ ކުޑަ ކުރުމަށް، ސަރުކާރުން އުންމީދީ މަޝްރޫއެއް މީގެ ހަތަރު އަހަރު ކުރިން އިއުލާނު ކުރި އެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި އިއުލާނު ކުރި މި މަޝްރޫއާ ގުޅޭގޮތުން ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި މަޝްރޫއުގެ ބައިތައް ހިންގާގެ ބައެއް ސަރަހައްދުތަކުގެ ފީޒިބިލިޓީ ހަދަން ބަޔަކާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެސްއީޒެޑް މަޝްރޫއުވެފައިވަނީ "ކުލަނުވި ހުވަފެނަ" ކަށެވެ. ސުވާލަކީ މި މަޝްރޫއު ދެން ކާމިޔާބެއް ނުވާނެ ހެއްޔެވެ؟ ބޭނުންވާ ފެންވަރުގެ އިންވެސްޓަރުން ނުވީ ހެއްޔެވެ؟
އައި-ހެވަން، މަޝްރޫއާބެހޭ ގޮތުން، ވަރަށް ގިނަ ވާހަކަ ދައްކަވާ ވަރަށް ގިނަ ސުރުހީ ހޯއްދެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ މަޝްރޫއާ ބެހޭ ގޮތުން އެންމެ ފަހުން ވިދާޅުވެފައިވަނީ މިހެންނެވެ. އެއީ މިދިއަ އަހަރު އެވެ:
"އައިހެވަން މަޝްރޫއެއް ނުހުއްޓޭ. މާސްޓާ ޕްލޭނިންގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ. ނިމުމާއެކު އެކަން މީޑިއާ އާއި ހިއްސާ ކުރާނަން. މާސްޓަ ޕްލޭން ނިމުމުން ހުރިހާ މަގުތަކާއި ބަނދަރު އޮންނާނީ ކިހިނެއް ކަމާއި އެއާޕޯޓް އޮންނާނީ ކޮންތާކު ތޯ އެނގޭނެ!"
އެސްއީޒެޑް މަޝްރޫއުގެ އެންމެ އުންމީދީ ބަޔަކީ އައިހެވަން އެވެ. މުޅި އިހަވަންދިއްޕޮޅަށް ފެތުރިގެންދާ ކަމަށް ބުނާ އެ މަޝްރޫއުގައި ގިނަ ބައިތަކެއް ހިމެނެ އެވެ. މަޝްރޫއުގައި ހިމެނޭ ބައިތަކުގެ ތެރޭގައި އިންޑަސްޓްރިއަލް އެސްޓޭޓާއި މުދާ އުފެއްދުމަށް ހާއްސަ ޒޯންތައް އުފެއްދުން ހިމެނެ އެވެ. މީގެ އިތުރުން ފްރީޓްރޭޑް ޒޯނާއި އެންޓަޕްރައިސް ޒޯނަކާއި ޓޫރިޒަމަށް ހާއްސަ- ފްރީޕޯޓާއި ހައި ޓެކްނޮލޮޖީ ޕާކު ހިމެނެ އެވެ. އަދި އޮފްޝޯ ފައިނޭންޝަލް ސާވިސަސް ވެސް މި މަޝްރޫއުގައި ހިމެނިގެންދެ އެވެ.
އައިހެވަން މަޝްރޫއުގެ އަގު އެކަނި ވެސް ބިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއު ހާއްސަކޮށްފައިވަނީ ރާއްޖެ ޖިއޮގްރަފިކަލް ގޮތުން އުފެދިފައިވާ ސަރަހައްދުގެ ފައިދާ ވެސް ނެގޭ ގޮތަށެވެ. ހއ. އަތޮޅު ހިމެނޭ 80 ޑިގްރީ ޗެނަލް ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ބިޔަ އާގު ބޯޑުތަކަށް ބަންކަރިންގެ ހިދުމަތް ފެށުމަކީ ވެސް މި މަޝްރޫއުގެ ބައެވެ. އެހެންވެ މި މަޝްރޫއު ބެލުނީ "ދިވެހިންގެ އުންމީދު" ގެ ގޮތުގަ އެވެ. ރާއްޖޭގެ އިގްތިސޯދަށް އަލަށް އުފަންވާނެ އިތުރު ބައެއްގެ ގޮތުގަ އެވެ. ސިނާއީ އިންގިލާބަކަށް އެކަން ވެގެންދާނެ ކަމަށް އޮތީ ބެލެވިފައެވެ.
މާސްޓަ ޕްލޭން ވެސް ހެދި!
އައިހެވަން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން ވަނީ ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއަށް މާސްޓަ ޕްލޭން ހަދަން ހަވާލު ވެސް ކޮށްފަ އެވެ. އޭގެ ކުރިން ފުރިހަމަކުރި ފީޒިބިލިޓީ ސްޓަޑީއިން ޔަގީންވި ފަދަ ވިޔަފާރިތައް ފެށުމަށް، އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިޑިއާގައި ވަރަށް ގިނަ ސުރުހީ ހޯއްދަވާ މިނިސްޓަރު ސަވިދާޅުވެފައިވާ ގޮތުގައި މާސްޓާ ޕްލޭން ހެދުމުން، ހިއްކަން ޖެހޭ ސަރަހައްދާއި މީހުން އާބާދު ކުރާނެ ސަރަހައްދުތަކާއި އެއާޕޯޓާއި ޕޯޓް ހަދާނެ ސަރަހައްދުތައް ކަނޑައެޅޭނެ އެވެ. މާސްޓާ ޕްލޭން ހަދާނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ސަރަހައްދަކަށް އަމާޒު ކޮށްގެނެވެ.
"ރާއްޖެ އަށް އެލާޖިކް ނުވާގޮތަށް ރާއްޖޭގެ ވެއްޓަށް ފައިދާ ކުރާ ގޮތަށް ޑިވެލޮޕް ކުރެވޭ ބޮޑު ޕްރޮޖެކްޓަކަށް މިކަން ވެގެންދާނެ. ހުޅުމާލޭގެ ދެވަނަ ފޭސް ނުވަތަ ފުރަތަމަ ފޭސް ޑިވެލޮޕް ވެގެން އައިގޮތަށް އައިހެވަންގެ ވެސް މިފަދަ މާސްޓާޕްލޭނެއް މި އޮތީ. އެެހެންވެ ޑިވެލޮޕްމަންޓް އެތައް ބަޔަކަށް ބެހިގެންދާއިރު ވެސް މިސްޓޭކެއް ނުހެދި ކުރިޔަށް ގެންދަން އެނގޭނީ މި މަސްޓާ ޕްލޭން ހެދުމުން. އަދި މިކަމުގެ ހޭދަތައް ކުރުމުގެ ކުރިން އެންވަޔަރަމަންޓް އެސެސްމަންޓް އިމްޕެކްޓް އެސެސްމަންޓުތައް ހަދާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ސްޓަޑީއަށްވީ ގޮތެއް ނޭނގެ އެވެ. އެއިން ނުކުތް ނަތީޖާ އެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އިންވެސްޓަރަކު ނުވީ ތަ؟
ފެންނަން އޮތް ނަތީޖާއަށް ބަލައި މި މަޝްރޫއު "ނާކާމިޔާބު މަޝްރޫއެއް" ގެ ގޮތުގައި ވެގެން ދިޔަ ސަބަބަކީ ކޮބައި ހެއްޔެވެ؟
އެސްއީޒެޑަށް އިންވެސްޓަރުން ނުވީ ހެއްޔެވެ؟ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟ މި މަޝްރޫއަށް އެންމެ ބޮޑަށް ޝައުގުވެރިވި އެއް ގައުމަކީ ސައޫދީ އަރަބިއްޔާ އެވެ. ޝަކުވާތަކެއްގެ ތެރޭގައި އޮންނަ އަވަށްޓެރި އިންޑިޔާ އިން ވެސް މި މަޝްރޫއަށް ޝައުގުވެރިވާ ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ވަނީ ދުބާއީގެ މަޝްހޫރު ޑީޕީވޯލްޑް ކުންފުނިން ވެސް އެސްއީޒެޑް މަޝްރޫއުގެ ދަށުން، ވިޔަފާރި ބަނދަރެއް ތަރައްގީ ކުރަން މަޝްވަރާކޮށްފަ އެވެ. ނަމަވެސް ސިޔާސީ ގޮތުން އައި "ބިންހެލުންތަކު" ގެ ނަތީޖާއަކީ އެ ކުންފުނި މި މަޝްރޫއު ދޫކޮށްލުމެވެ.
އެ ކުންފުނީގެ އިތުރުން، ސަރުކާރުން ވަނީ އެސްއީޒެޑް ހިފައިގެން ތިން އިންވެސްޓްމަންޓް ފޯރަމަކަށް ވެސް ގޮސްފަ އެވެ. އަދި އެންމެ އެކުވެރި، ސައޫދީ އަރަބިއްޔާގެ، މަހުޖަނުންގެ ގާތަށް ވެސް އެސްއީޒެޑާއެކު ދިޔައެވެ.
އިކޮނޮމިކް މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ ސައޫދީއާއެކު މަޝްވަރާ ކުރަން ނޮވެމއބަރު 30، 2015 ގައި ސައޫދީއަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.
މި ދަތުރުފުޅަށް ފުރައިވަޑައިގަންނަވަމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަން ވެސް ކުރައްވާ ޝައިނީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރާއެކު "ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަށް އާދެވިފައިވާ" ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ މި "މަޝްރޫއު ކުރިއަށް ދާނީ ސައޫދީ އިންވެސްޓްމަންޓް ފަންޑުން އިސްނަގައިގެން" ކަމަށެވެ.
"މިހާތަނަށް ކުރާ މަޝްވަރާތައް ކުރަނީ ސައޫދީ ސަރުކާރާ. މިގޮތުން މިކަމުގައި ހަރަކާތެރިވަނީ ސައޫދީ އިންވެސްޓްމަންޓް ފަންޑާ ސައޫދީ ފަންޑުން. މިހާރު ލިބިފައިހުރި ލޯނުތަކަށް ބަލައިފިނަމަ އެއާޕޯޓުގެ ތަރައްގީއަށް މި ލިބިފައި ހުރި ލޯނުތައް ދީފައިހުރީ ސައޫދީ ފަންޑުން. އައިހެވަން ޕްރޮޖެކްޓަށް އިސްނަގައިގެން އުޅުނީ ސައޫދީ ފަންޑުން،" ޝައިނީ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑާ ވޯލްޑް ބޭންކްގެ ހައި ލެވެލް ބޭފުޅަކާ ބައްދަލުވި. އެ ބޭފުޅާ ވިދާޅުވީ 500 މިލިއަން ޑޮލަރު ލިބޭ ގޮތަށޭ އޮތީ. ނަމަވެސް ސިޔާސީ އޮއިވަރުގެ ސަބަބުން އަޅުގަނޑުމެންނަށް އެ ފުރުސަތު ގެއްލިގެން ދިޔައީއޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ފަހުން، އައިހެވަން އަށް ސައުދީ އަރަބިއްޔާ އިން ޝައުގުވެރިވެފައި ވަނީ އެ ތަނުގައި ތެޔޮ ސާފު ކުރާނެ ކާރުހާނާތަކަކާއެކު އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށް ސަރުކާރުން ވެސް ބުނެފައިވެ އެވެ. އެ ވާހަކަ ދެއްކެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ ސައުދީން އައިހެވަން އަށް ޝައުގުވެރިވަނީ ޓްރާޝިޕްމަންޓް ބަނދަރުގެ އިތުރަށް އެ މަޝްރޫއުގެ ތެރެއިން ހއ. ގައި ތެޔޮ ސާފު ކުރާ ކާރުހާނާ އަކާއި އެތަނުގައި ތެޔޮ ރައްކާ ކުރާ ސްޓޯރޭޖެއް ހަދާށެވެ.
"ސައުދީއާ އެކު މި މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެބަ އުންމީދު ކުރެވޭ. މިއީ ކުދި އާބާދީތައް މި ސަރަހައްދަކަށް ވަރަށް ބޮޑަށް ޖަމާވާނެ މަޝްރޫއެއް. ކުދި ރަށްރަށުން އެބަ އަންނަން ޖެހޭ މިފަދަ މަޝްރޫއުތައް ހުރި ބޮޑެތި ރަށްރަށަށް،" އޭރު އުމަރު ވިދާޅުވި އެވެ.
ނަމަވެސް، ސައޫދީ އަރަބިއްޔާ މި މަޝްރޫ އަށް ޝައުގުވެރިވެގެން މިހާތަނަށް އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައެއް ނުވެ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
އެސްއީޒެޑް ބަޖެޓުން ނެގީ ކީއްވެ؟
އެސްއީޒެޑް-މަޝްރޫއު ވެގެން ގޮސްފައިވަނީ ދައުލަތުގެ ބަޖެޓަށް އޮތް ބުރަ އަކަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ޖަހާފައިވަނީ އެ މަޝްރޫއުންނެވެ. ނަމަވެސް އެންމެ ފަހުން ސަރުކާރުން ވަނީ މި މަޝްރޫއުގައި ކުރިން ހިމެނި ފައިސާ މި އަހަރުގެ ބަޖެޓުގައި ނުލިބޭނެ ކަމަށް ނިންމާފަ އެވެ. ބަޖެޓުގައި ވެސް މި މަޝްރޫއުގެ ވާހަކައެއް ނެތެވެ.
މިދިޔަ އަހަރު ހުށަހެޅި، ސަޕްލިމެންޓްރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ކަންތައްތަކާ ހެދި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ދަތިވެ އެވެ. މިގޮތުން، އެސްއީޒެޑް މަޝްރޫއުން ލިބެން އޮތް 500 މިލިއަން ރުފިޔާ ލިބޭ ގޮތެއް ނުވި އެވެ.
އެސްއީޒެޑުން ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާ ނުލިބޭނެ ކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ. މީގެ މާނައަކީ އެންމެ އުންމީދީ މަޝްރޫއު މި ދައުރުގައި ކުރިއަށް ނުދާނެކަން ގާތްގަނޑަކަށް ޔަގީންވުމެވެ.