އިހަވަން ދިއްޕޮޅުގައި ތަރައްގީކުރާ "އައި ހެވަން" މަޝްރޫއު ވަރަށް އަވަހަށް ފެށުމަށް އުންމީދު އާކުރަމުން ސައޫދީ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ފެށުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅާ ބެހޭ ގޮތުން އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޝައިނީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރާއެކު ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަށް އާދެވިފައވާ ކަމަށެވެ.
ޝައިނީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ދާނީ ސައޫދީ އިންވެސްޓްމަންޓް ފަންޑުން އިސްނަގައިގެން ކަމަށެވެ.
"މިހާތަނަށް ކުރާ މަޝްވަރާތައް ކުރަނީ ސައޫދީ ސަރުކާރާ. މިގޮތުން މިކަމުގައި ހަރަކާތެރިވަނީ ސައޫދީ އިންވެސްޓްމަންޓް ފަންޑާ ސައޫދީ ފަންޑުން. މިހާރު ލިބިފައިހުރި ލޯނުތަކަށް ބަލައިފިނަމަ އެއާޕޯޓުގެ ތަރައްގީއަށް މި ލިބިފައި ހުރި ލޯނުތައް ދީފައިހުރީ ސައޫދީ ފަންޑުން. އައި ހެވަން ޕްރޮޖެކްޓަށް އިސްނަގައިގެން އުޅުނީ ސައޫދީ ފަންޑުން،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ދަތުރުގައި އިތުރު ޕްރޮޖެކްޓެއްގައި ސޮއިކުރުމަށް ނޯންނާނެ ކަމަށާއި، ދެން އަންނާނީ މި ޕްރޮޖެކްޓަށް އެޕްލިކޭޝަންތައް ކަމަށެވެ.
"އިރާދުކުރެއްވިއްޔާ ދެން އަންނާނީ އެޕްލިކޭޝަން. ދެން އެސްއީޒީ ގާނޫނުގެ ދަށުން ކުރިއަށް ދާނީ،" ޝައިނީ ވިދާޅުވި އެވެ.
އެސްއީޒެޑްގެ ޗެއާ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މަޝްރޫއާއި ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި މުހިންމު ވާހަކަތަކެއް ދެކެވިފައި ކަމަށާއި، ދެ އަހަރު ތެރޭ އައި ހެވަން ފަދަ މަޝްރޫއެއްގެ ފެށުމާ ގާތަށް އާދެވުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ކުރިން ދެއްކި ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކަ އާއި ބަލްކް ބްރޭކިންގެ ވާހަކަ އާއި ރިއަލް އެސްޓޭޓާ ގުޅުންހުރި މަޝްރޫއުތައް ގެންދެވިދާނެކަން. އެކަންވާނީ ސާބިތުކޮށްދީފަ. މި ދަތުރުގައި ބޮސްޓަން ކޮންސެލްޓެންސީ އާއި މެކެންޒީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ. މީގެ އިތުރުން އެކި ޓެކްނިކަލް ބޭފުޅުންވެސް ބައިވެރިވާނެ. މީގެން އެނގެނީ މި ޕްރޮޖަކްޓް ފަށަން ކައިރިވެއްޖެކަން،" ސައީދު ވިދާޅުވި އެވެ.