ހަބަރު

ސައީދާއި ޝައިނީގެ މަރުހަބާ ޝަހީމަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި މުހައްމަދު ސައީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ އާއި މިނިސްޓަރު ސައީދަކީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ދެ ބޭފުޅުންނެވެ.

އެހެންނަމަވެސް މިރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން އިއުލާން ކުރެއްވީ ރަނިންމޭޓެއްގެ ގޮތުގައި ޑރ. ޝަހީމް އިހްތިޔާރު ކުރައްވާފައިވާ ކަމެވެ.

އެކަމާ ގުޅިގެން ޝައިނީ ކުރެއްވި ޓްވީޓެއްގައި ޝަހީމަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީން އެއްބުރުން ކާމިޔާބު ކުރެއްވުމުގައި ޝަހީމަކީ މުހިންމު އަދާކުރެވޭނެ އިލްމީ އަދި ގާބިލް ބޭފުޅެއް ކަމަށެވެ.

"ރިޔާސީ އިންތިހާބާ ގުޅިފައިވަނީ ގައުމުގެ އުއްމީދު އަދި ތަރައްގީގެ މުޅިން އާޒަމާނެއް،" ސައީދު ވިދާޅުވި އެވެ.

ސައީދާއި ޝައިނީގެ އިތުރުން ވެސް ސަރުކާރުގެ ވެރިންނާއި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގެންދަވަނީ ޝަހީމަށް މަރުހަބާ ދަންނަވަމުންނެވެ.

ރަނިންމޭޓަކަށް ވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ޓްވީޓްގައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ އިލްމްވެރިންނާއި ޒަމާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.