ހަބަރު

އިހަވަންދިޕޮޅު ތަރައްގީ ކުރުމުގެ ހިތްވަރެއް އެމްޑީޕީގަ ނެތް: ސައީދު

އިހަވަންދިއްޕޮޅު ތަރައްގީ ކުރާނެ ޕްލޭނެއް ރާވަމުން ގެންދަވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅަކީ ޖޯގްރަފީ ގޮތުން ވަރަށް ބޮޑު ފައިދާއެއް ލިބެން އޮތް ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދު ތަރައްގީ ކުރާނީ އެކަމަށް ޝައުގުވެރިވާ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކަމަށެވެ.

"އިދިކޮޅުގެ ވެރިކަމުގައި އެބައޮތް ޕްލޭނެއް، އެތަން ތަރައްގީ ކުރެވިގެންދާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން، އެތަނުގައި ޓޫރިޒަމާއި ޓްރާންސް ޝިޕްމެންޓް ބަނދަރުފަދަ އޭގެ އެންމެ ފައިދާ ހުރި ގޮތް ދެނެގަނެ އެގޮތަކަށް ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިގެން އެބަދޭ،" އިބޫ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީޕީއަކަށް ތިކަން ކުރުމުގެ ހިތްވަރެއް ނުހުންނާނެ ކަމަށާއި އައިހެވަން ތަރައްގީ ނުކުރުމަށް އެމްޑީޕީއިން ބަޔަކަށް ވައުދުވެފައިވާ ކަމަށެވެ.

"އިބޫ ނުވާވަރުގެ ވާހަކަ ނުދައްކަވާ، އިހަވަންދިޕޮޅު ތަރައްގީ ކުރައްވާނީ ހަމަ ރައީސް ޔާމީން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިހަވަންދިޕޮޅު ތަރައްގީކުރުމަށް ރައީސް ޔާމީން އިއުލާން ކުރެއްވި އައިހެވަން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރެއްވި ޕްރޮޖެކްޓެކެވެ.