އައިހެވަން

އުތުރުގެ މަޝްރޫއު ސަރުކާރުން ކުރިއަކަށް ނުގެންދާނެ: ސައީދު

ޓްރާންޝިޕްމަންޓާއެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީ ސްޓަޑީޒް އޮންނާނީ ނިންމާފައި ކަމަށާ ނަމަވެސް އެ ޕްރޮޖެކް މި ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ އުތުރުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހެދުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ. "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެ ކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް ޓްރާންޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް ބޮޑު ނަފާ ހޯދި ދާނެ ކަމަށެވެ.

އެކަމަށް ރައްދުދެއްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅާއި، ފާފު އަތޮޅުގެ ބިޔަ މަޝްރޫއު ހުއްޓުވީ ކޮން ބައެއްކަން ދިވެހި ރަތްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

"ޓްރާންޝިޕްމަންޓާއެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީ ސްޓަޑީޒް ވާނީ ނިމިފައި. އެކަަމަކު މި ސަރުކާރުން އެކަން ކުރިއަކަށް ނުގެންދާނެ." ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ކުރާނެ ޕްލޭނެއް ރާވަމުން ގެންދަވާ ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން ކަމަށް ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

"އިދިކޮޅުގެ ވެރިކަމުގައި އެބައޮތް ޕްލޭނެއް، އެތަން ތަރައްގީ ކުރެވިގެންދާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން، އެތަނުގައި ޓޫރިޒަމާއި ޓްރާންސް ޝިޕްމެންޓް ބަނދަރުފަދަ އޭގެ އެންމެ ފައިދާ ހުރި ގޮތް ދެނެގަނެ އެގޮތަކަށް ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިގެން އެބަދޭ،" ސެޕްޓެންބަރު 6، 2018 ގައި ހޯރަފުށީގައި ބޭއްވި ކެންޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

އިހަވަންދިޕޮޅު ތަރައްގީކުރުމަށް ރައީސް ޔާމީންވެސް އިއުލާނު ކުރެއްވިއެވެ. އައިހެވަން ޕްރޮޖެކްޓްގެ ނަމުގައި ޕްރޮމޯޓް ކުރެއްވި އެ މަޝްރޫއުގެ ވާހަކަ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީންވެސް ދެއްކެވިއެވެ.