މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ފުނަދޫ އާއި އިހަވަންދިއްޕޮޅުގެ އެސްއީޒެޑް މަޝްރޫއު ދުބާއީ ކުންފުންޏަކަށް

ކ. ފުނަދޫ އާއި އިހަވަންދިއްޕޮޅުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ -- އިފްޒާ އާއެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އިފްޒާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަން އެވެ.

ކ. ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ކ. މާގިރިފަޅަށް ބަދަލުކޮށް ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު މި އެމްއޯޔޫގެ ދަށުން އެ ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ފެށޭނީ ފިއުލް ފާމް ބަދަލުކުރެވުމުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާލެ-ފުނަދޫ-ހުޅުލޭ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތްވެސް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ކ. ފުނަދޫ ހުސްކުރުމަށްފަހު އެތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި އެރަށުގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.