ވިޔަފާރި

ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ފަށައިިފި

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އަންގައި ދިނުމަށް ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް މިއަދު ފަށައިފި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގައި އިންވެސްޓްމަންޓް ފޯރަމް ފައްޓަވައި ދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ. ފޯރަމް ފެށުމުގެ ގޮތުން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް 2017 (އެމްއައިއެފް 2017) ގައި ޖުމްލަ 350 މީހުން ބައިވެ އެވެ. މީގެތެރޭގައި ބޭރުގެ 80 މީހުން ވެސް ހިމެނެ އެވެ.

އެމްއައިއެފް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ މެރީނާބޭ ހޮޓަލުގަ އެވެ. މީގެ އިތުރުން 2015 ޗައިނާގެ ބެއިޖިންގައި ވެސް ފޯރަމް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ފޯރަމް އޮތީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.