ވިޔަފާރި

އިންވެސްޓް ފޯރަމް ޑިސެމްބަރުގައި ބާއްވަން އިފުތިތާހުކޮށްފި

  • ޓޫރިޒަމަށް އިތުރު ދޮރުތަކެއް ހުޅުވޭނެ
  • ވިޔަފާރިއަށް ފަހިކުރުމުގެ ނަތީޖާ ފެންނާނެ
  • ފޯރަމް އޮންނާނީ ދުބާއީގައި

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ނުވަތަ އެމްއައިއެފް 2017، މި އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހު ދުބާއީގައި ބާއްވަން ނިންމައި، ފޯރަމް ރަސްމީކޮށް ރޭ އިފުތިތާހު ކޮށްފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމް އިފުތިތާހު ކޮށްދެއްވަމުން މިނިސްޓަރު ސައީދު ވަނީ އިންވެސްޓްމަންޓް ފޯރަމް ތަކަކީ ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ހުޅުވިގެންދާ ދޮރެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރުގެ ފޯރަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި އިންވެސްޓްމަންޓްތަކަށް ޔަގީންކަން އޮންނަ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ކުރިން ބާއްވަން ނިންމާފައި އޮތީ ގަތަރުގަ އެވެ. ފޯރަމް ދުބާއީއަށް ބަދަލު ކުރީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ނިމުމަކަށް އައުމާ ގުޅިގެނެވެ.

މި އަހަރުގެ ގެ އިންވެސްޓްމަންޓް ފޯރަމް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ގައުމުގެ ވަޒީރުން ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ ސެޝަނަކާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ވިޔަފާރިތައް ތައާރަފްކުރުމަށް ގާލާ ޑިނާ އެވެ.

އެމްއައިއެފް 2017 ލޯންޗް ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެމްއައިއެފް އެންމެ ފުރަތަމަ ބާއްވާފައިވަނީ ސިންގަޕޫރުގަ އެވެ. އޭގެ ފަހުން ޗައިނާގެ ވެރިރަށް ބެއިޖިން އާއި އިންޑިއާގެ ނިއުދިއްލީގައި ވެސް ފޯރަމް ބޭއްވި އެވެ.