ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑްގެ ސަޕޯޓަރުން އަރަބި ހެދުން ނުލުމަށް ޓީމުން އެދެފި

ނިއުކާސަލް ޔުނައިޓެޑްގެ ސަޕޯޓަރުން އަރަބި ހެދުން ލައިގެން ޓީމަށް ސަޕޯޓު ކުރަން ދަނޑަށް ނުވަނުމަށް އެޓީމުން އިލްތިމާސް ކޮށްފި އެވެ.

ނިއުކާސަލްއިން ނެރުނު ބަޔާނެއްގައި ބުނީ ޓީމުގެ މެނޭޖުމަންޓް ބަދަލުވުމާއި އެކު ސަޕޯޓަރުންތަކެއް ފަގުޑި އަޅައި ޖުއްބާ ލައިގެން -- އަރަބި ސްޓައިލަށް ހެދުން އަޅައިގެން ޓީމަށް ސަޕޯޓު ކުރަން ދަނޑަށް އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އާންމުކޮށް އެގޮތަށް ހެދުން ނާޅާ މީހުން ވަކިން ހާއްސަކޮށް ދަނޑަށް ވަންނަން އެގޮތަށް ހެދުން ނޭޅުމަށް ޓީމުން އެދުނެވެ.

"މިކަމާއި މެދު [އަރަބި ސްޓައިލަށް ހެދުން އެޅުމާއިމެދު] ކްލަބު އޯނަރުންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިގޮތަށް އެދެނީ އަރަބި ސަގާފަތާއި ފުށުއަރާ، މައްސަލައެއް ދިމާވެދާނެތީ،" ނިއުކާސަލުން ނެރުނު ބަޔާނުގައިވެ އެވެ.

ނިއުކާސަލްގެ މެނޭޖުމަންޓް ބަދަލުވުމާއި އެކު އެޓީމުގެ ސަޕޯޓަރުން ތަކެއް ފަގުޑި އަޅައިގެން ދަނޑަށް ވަތްއިރު، އަނެއް ބައެއް ދިޔައީ ޖުއްބާ ލައިގެންނެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ނިއުކާސަލް ގަތީ މި މަހު އެވެ. އެއާއެކު ޕްރިމިއާ ލީގުގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ އަގުބޮޑު ކްލަބަކަށް ނިއުކާސަލް ވަނީ މިހާރު ވެފަ އެވެ.

ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ނިއުކާސަލް ބައްލަވައިގަތީ 408 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.