އަލީ ހުސައިން

ގިނަ އެމްބަސީތައް ހިންގަނީ އާއިލީ މީހުންނަށް ވަޒީފާ ދޭން: އަލީ ހުސައިން

ރާއްޖެއިން ބޭރުގައި ހިންގާ ގިނަ އެމްބަސީތަކެއް ހިންގަނީ ވަކި އާއިލާތަކެއްގެ ބަޔަކަށް ވަޒީފާތައް ހޯދައިދިނުމުގެ ނިޔަތުގައި ކަަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސިފަކުރައްވައިފި އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި އޮތް އާއިލީ ވެރިކަން 2008 ވަނަ އަހަރު ނިމުނުކަމަށް ބެލެވުނަސް ފޮރިން ސާވިސްއަށް ބަލާލުމުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. އެގޮތުން ވަކި އާއިލާތަކެއްގެ މީހުން ފޮރިން ސާވިސްގެ އެކި މަގާމުތަކުގައި އެންމެ މަތިން ފެށިގެން ތިރިއާ ހަމައަށް ފުރާލައިފައި އޮންނަ މަންޒަރު މިހާރު ފެންނަމުންދާ ކަަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަށް ނެތް މިންވަރަަށްވެސް މިތިބެނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހަދައިގެން. އެހެން ނަމަވެސް ކުރެވެނީ ކޮންކަމެއްތޯ. ރާއްޖޭގެ އިގްތިސޯދަށް ލިބެނީ ކޮން މަންފާއެއްތޯ. ރާއްޖެއަށް އަންނަނީ ކޮން އިންވެސްޓްމަންޓްތަކެއްތޯ. މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް. ހަމަ އެކަނި ވަކި އާއިލާތަކަކަށް ނިސްބަތްވާ ބަޔަަކަށް ވަޒީފާ ދިނުމުގެ ނިޔަތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އެމްބަސީތައް ހަދައިގެން ތިބުމަކީ އެއީ ދެރަވަރު ކަމެއް. އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ނޫން" އަލީ ހުސައިން ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ފަރަހަނާޒް ފައިސަލްގެ މަސައްކަތްތަކަށް އަލީ ހުސައިން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަން ޕްރޯމޯޓްކުރުމަށާއި ރާއްޖެއިން ބާނާ މަހަަށް ހަމަ އަގު ހޯދައިިދިނުމަށް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

އަބްދުﷲ ޝާހިދު ފޮރިން މިނިސްޓރުގެ މަގާމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާތީ ވެސް އަލީ ހުސައިން ވަނީ ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން މާލީ މަންފާއެއް ލިބިވަޑައިގަންނަވާނެ ވަޒީފާއެއް އަދާނުކުރެއްވޭނެ ކަަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތް ނަަމަވެސް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދު ފުރުއްވަމުންދަނީ މާލީ މަންފާއެއް ލިބޭ ގޮތަށް ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރު ހުންނެވި ފޮރިން މިނިސްޓަރަށް މާލީ ގޮތުން މަންފާ އެބަ ލިބޭކަން. އެހެންވީމާ ކުރައްވައިގެން ނުވާނެ ކަމެއް ގާނޫނު އަސާސީން ކަނޑައެޅިގެން މަނާކޮށްފައި އޮންނަ ކަމެއް ފޮރިން މިނިސްޓަރު ކުރައްވަމުން ދަނިކޮށް ފޮރިން ސާވިސްއާ ބެހޭ ބިލު ހުށަހެޅިގެން އައިމަ އަޅުގަނޑުމެންގެ ހިތުގައި އެބަ ސުވާލު އުފެދޭ،" އަލީ ވިދާޅުވި އެެވެ.

އެހެންކަމުން ދެ މަގާމެއް ފުރުއްވުމުގެ ބަދަލުގައި ކޮންމެވެސް އެއް މަގާމެއް ޝާހިދު ހިޔާރުކުރެއުވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.