އަލީ ހުސައިން

ދަފްތަރު ރައްޔިތުންނަށްވެސް މަޖިލީހުގައި ދާއިރާ އެއް އޮންނަންޖެހޭ: އަލީ ހުސައިން

މާލޭ ދަފްތަރުގައި ތިބި މީހުންނަށް ރައްޔިތުންގެ މަޖިލީހުން ހާއްސަ ގޮނޑިތަކެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުން އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ދަފްތަރުގައި ގާތްގަނޑަކަށް 20،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިބިއިރު އެ މީހުންގެ އަޑު މަޖިލީހުގައި ނުއުފުލޭކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ.

"ފުރަ މާލޭގައި ދިރި އެބަ އުޅޭ 15،000 އަށްވުރެ ގިނަ ރައްޔިތުން ގާތްގަނޑަކަށް 20،000 އާ ގާތްކުރާ ގިނަ ރައްޔިތުންތަކެއް ދިރި އެބަ އުޅޭ އެ މީހުންގެ ވާހަކަ މި ރައްޔިތުންގެ މަޖިލީހުގައި ނުދެކެވޭ އަދި އެ މީހުންގެ ހައްގުތަކާ ގުޅޭ ގޮތުން މި ރައްޔިތުންގެ މަޖިލީހުގައި އަޑު ނުއުފުލޭ، ވަކާލާތު ނުކުރެވޭ ބަޔަކު އެބަ ދިރިއުޅޭ. އެއީ އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ތިބި މީހުން،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ދަފުތަރުގައި ހިމެނޭ މީހުން މާލޭގެ އެކި ދާއިރާތަކަށް ބަހާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ 2008ގެ ފަހުން މާލޭގެ ދަފްތަރުގައި މިތިބޭ ރައްޔިތުންނަކީ މާލޭގެ އެކި ދާއިރާތަކަށް، އެ ދާއިރާތަކަށް ނިސްބަތްވާ ނުވަތަ އެ އިރެއްގައި އޮންނަ ސަރުކާރުން ބޭނުންވާ ބަޔަކު ނުވަތަ ބޭނުންވާ މީހަކު ހޮވަންވީމަ ކޮންމެ ދާއިރާއަކަށްވެސް ފުޓުނި އަޅާލާ ގޮތަށް ނޫނިއްޔާ ފުޅިމަދު އުނގުރި ޖަހާލާ ގޮތަށް އަޅާލަން އޮންނަ ބައެއްގެ ގޮތުގައި މި ފެންނަނީ ދަފްތަރުގެ ރައްޔިތުން،" އަލީ ހުސައިން ވިދާޅުވި އެވެ.

އެގޮތުން ރިޔާސީ އިންތިހާބު ނިމި ރިޔާސީ އިންތިހާބަށް އަންނައިރު ދަފްތަރުގައި ތިބޭ މީހުންގެ ދާއިރާ ބަދަލުވެފައިވާ ކަމަށާއި ކައުންސިލް އިންތިހާބަށް އަންނައިރު ދާއިރާ އަނެއްކާވެސް ބަދަލުވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"ދަފްތަރުގައި ޖެހިފައި ތިބި މީހުން ދާއިމީކޮށް ތިބޭ ވަކި ދާއިރާތަކެއް ހަގީގަތުގައި އޮންނަން އެބަޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

އެއީ އިލެކްޝަންސް ކޮމިޝަނަށް މިހާރުވެސް ލިބިގެންވާ ބާރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މާލޭގެ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އިދާރީ ދާއިރާތަކެއް ކަނޑައަޅާއިރުގައި އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ، އިލެކްޝަންސް ކޮމިޝަނަށްވެސް ކަނޑައެޅިދާނެ. އެއީ މާލެ ދަފްތަރު ދާއިރާ 1، މާލެ ދަފްތަރު ދާއިރާ 2، މާލެ ދަފްތަރު ދާއިރާ 3، މިހެން ކިޔާފައި ދާއިރާތަކެއް ކަނޑައެޅިދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

މާލޭ ދަފްތަރު ރައްޔިތުންނަށް މަޖިލީހުން ގޮނޑި ހާއްސަ ކުރުމަށް އަލީ ހުސައިން ގޮވާލާފައިވާއިރު ރައްޔިތުންގެ މަޖިލިސް އަންނަ އަހަރު އިންތިހާބުކުރާއިރު ހަ ގޮނޑި އިތުރުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.