ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ އަދަދު 76 އަށް ހަދަން ތާއީދެއް ނުލިބުނު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މިބިލް މަޖިލީހަށް ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވީ މިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިބިލް ބަލައިގަތުމަށް ފާސްވީ އެންމެ 12 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވި އަނެއް 38 މެންބަރުން ވޯޓު ދެއްވީ އެ ބިލާ ދެކޮޅަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިންވެސް ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް މީގެކުރިން މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އެ ބިލްތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.