ބަރުލަމާނީ ނިޒާމް

ކޮމިޓީގެ ކޯރަމު ނުލިބޭތީ ބަރުލަމާނީ ގަރާރުގެ މަސައްކަތް ހުއްޓިފައި

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގަރާރު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ފެށޭ ގޮތެއް ނުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ގަރާރަށް މެންބަރުން ބަހުސް ކުރެއްވުމަށްފަހު ގަރާރު ދިރާސާކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީ އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގަރާރު ދިރާސާކުރުމުގެ މަސައްކަތް މިހާރު އޮތީ މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނޭ މުޅި މަޖިލިސް ކޮމިޓީގައި ކަމަށެވެ.

ނަމަވެސް މުޅި މަޖިލިސް ކޮމިޓީގެ މަސައްކަތް ފެށޭނީ ކޮމިޓީގެ ކޯރަމު ކަމަށްވާ 29 މެންބަރުން ހަމަކުރެވިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ވަގުތު މަޖިލީހުގައި ތިއްބެވީ 18 މެންބަރުން ކަމަށްވާތީ ކޮމިޓީއަށް މެންބަރުން ހަމަކުރުމަށް ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ރައީސް ނަޝީދު ވަނީ ކޮމިޓީ މެދުކަނޑާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާ އިން ފެށިގެން ކޮންމެ ދުވަހަކުވެސް ފަށަނީ ކޯރަމް ހަމަވޭތޯ އެތައް އިރަކު ބެލުމަށްފަހު އެވެ. މަޖިލީހުގެ ކޯރަމް ހަމަނުވާތީ ރައީސް ނަޝީދު މީގެކުރިން ވަނީ އެކަމުގެ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައިވެސް އަޅުވާފަ އެވެ.

ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮވެފައި އެމްޑީޕީ މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށެވެ. ރައީސް ސޯލިހް އެގޮތަށް އަމަލުކުރައްވަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުއްވުމަށް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.