ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާ ބަހުސް ފަށައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ގަރާރު މަޖިލީހަށް ތައާރަފުކުރީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މި ގަރާރުގެ މަޖިލީހަށް ހުށަހަޅާ ބަހުސް ފަށާފައިވަނި މިއަދު އެވެ.
މަޖިލީހަށް މި ގަރާރު ތައާރަފުކުރިިއިރު ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.
ގަރާރު ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ 50 ޕަސަންޓަށްވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެންކަމަށްވާއިރު މިހާތަނަށް ރިޔާސީ އިިންތިހާބަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 ޕަސަންޓަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެވިފައިނުވާކަން އިލްޔާސް ފާހަގަކޮށްފައިވެ އެވެ.
އިލްޔާސް ވިދާޅުވީ މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަންޖެހޭ ތަރައްގީ އާއި ޑިމޮކްރަސީގެ ނިޒާމެއްގައި މަސައްކަތްކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިސްފައިނުވާ ކަމަށެވެ.
މި ގަރާރު ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.