ހައިކޯޓް

4 އަހަރުގެ ކުއްޖަކާ ބެހުނު ބޮޑުބޭބެ 20 އަހަރަށް ޖަލަށް

އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 2015 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. ދައުލަތުން ބުނެފައި ވަނީ މޭ 25، 2015 ގެ ކުރިން އެކި ދުވަސް މަތިން ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދު އޭނާގެ އެއްބަނޑު ކޮއްކޮގެ ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އެކުއްޖާއާ މެދު ކަންހިނގާފައިވާ ގޮތް އެ ކުއްޖާގެ ދުލުން ކިޔައިދީފައިވާ މީހުންގެ ހެކިބަހާއި އަދި ކުއްޖާގެ މެޑީކޯ ލީގަލް ރިޕޯޓާއި ސައިކޮލޮޖީ ރިޕޯޓު ހިމެނެ އެވެ. ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ މައްސަލަ ހަސަން ރަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ދައުލަތުން ބުނެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ނިންމަމުން ގާޒީ ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާ ދަށުން ކުށް ސާބިތުކުރަން ފަސް ބާވަތެއްގެ ހެކި ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ދައުލަތަށް އެ މިންވަރަށް ހެކި ހުށަހެޅިފައިނުވާކަމަށް ކަނޑައަޅައި ކޯޓުން ނިންމީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

އެ ހުކުމާމެދު ހިތްހަމަނުޖެހެގެން ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު މި މައްސަލައިގައި އިއްވި ހުކުމުގައި ބުނެފައި ވަނީ މިފަދަ މައްސަލަތައް ސާބިތުކުރުމުގައި ފަސް ބާވަތުގެ ހެކި ލިބިފައި ނެތް ނަމަވެސް، ޝައްކެތް ނެތް މިންވަރަށް މައްސަލަ ޝަރީއަތަށް ސާބިތުކުރުމަށް ފުދޭނަމަ އެ ހެކީގެ މައްޗަށް ބުރަވެ މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލަ ސާބިތުވާ ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ. އަދަބެއްގެ ގޮތުން 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ 5 ބާވަތުގެ ހެކި

  • ޖިންސީ އަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް
  • ސައިންޓިފިކް ތަހްލީލުތަކުން ދައްކާ ނަތީޖާ
  • ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން
  • ފޮރެންސިކް ނިޝާންތަކުންނާއި ތަހްލީލުތަކުން ލިބޭ ހެކި
  • ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި