އެޗްއާރްސީއެމް

ޒެނީޝާއާ ޒާތީކަމެއް ނުގެންގުޅޭ ކަމަށް ބުނެ އެޗްއާރުސީއެމްއިން ރައްދު ދީފި

ނިމިގެން ދިޔަ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާކުރަން ފޮނުވީ ޒާތީ ވެގެން ނޫން ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް) އިން އިން ވާހަކަ ދައްކައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ކަމަށް ބުނެ ޒެނީޝާގެ މައްޗަށް ދައުވާކުރަން އެޗްއާުރުސީއެމްއިން ވަނީ ފޮނުވައިފި އެވެ.

އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުން ފުލުހުންނާއި ސިފައިންނާއި އަދި ހިޔާގެ މުވައްޒަފުން ވަނީ ކުޑަކުދިންނަށް ހުތުރު ބަހުން މުއާމަލާތްކޮށް ބައެއް ކުޑަކުދިން ބިޑިއަޅުވައި އަދި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދީފައެވެ.

ނަމަވެސް ޒެނީޝާ ވިދާޅުވީ ގާނޫނާ ހިލާފުވެފައި ނުވާނެ ކަމަށާއި އެޗްއާރުސީޢެމްގެ މުޅި ތަހުގީގު ބިނާވެފައިވަނީ ޒާތީ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އަދި އޭނާއާ މެދު ކުރާ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަަށެވެ.

ޒެނީޝާ އަށް ރައްދުދީ އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ ޒެނީޝާއަށް ދައުވާކުރަން ފޮނުވީ އެންޓި ޓޯޗާ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަަމަށާއި އެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމާއި ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސަބެއް ނޯންނާނެ ކަމަށެވެ.

"އަދި މައްސަލަތަކުގައި ގޮތް ނިންމާނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އަދި ނަޒާހަތްތެރިކަމާއެކުގަ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެންޓި ޓޯޗާގެ 44 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމާއި އެކަންކަން ރާއްޖޭގައި ހިނގައި ދިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަންކުރުމާއި އެ ގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ހިއުމަން ރައިޓްސް ކޮމިޝަނަށް ލިބިގެން ވެއެވެ.

ޒެނީޝާގެ މައްޗަށް ދައުވާކުރަން ފޮނުވުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ޒެނީޝާއަށް ދައުވާކުރަން ފޮނުވި އިރު ހަމަ އެ މައްސަލައިގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ފޮނުވައިފަ އެވެ.