އޮމްބަޑްސްޕާސަންގެ އޮފީސް

ކުޑަކުދިންގެ ހިޔާގައި ރޯވި މައްސަލަތައް ފުލުހަށް

މިދިޔަ އަހަރުގެ ތެރޭގައި އަޅައިލުން ކުޑަވުމުގެ ސަބަބުން އެކި ފަހަރު މަތިން ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އެ އޮފީހުން ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އެތަހުގީގަށް ފާހަގަވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބައިތިއްވާ އޯލްޓަނޭޓިވް ކެއާ ފެސިލިޓީތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމް ގާއިމްކުރެވިފައެއް ނެތެވެ.

އެފަދަ އާލާތްތައް ނެތުމުން އެކުދިން އެތަނުގައި ބޭއްތިއްބުން އެކަށީގެންނުވާ ކަމަށް އެ އޮފީހުން އެންގި ނަމަވެސް އެކަމަށް އިޖާބަދީފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަކު އޭގެ ފަހުން ވެސް އެއްވެސް ކަމެއް ހަރުދަނާނުކޮށް އެތަނުގައި ކުދިން ގެންގުޅެމުން ދިޔަ ކަމަށާއި، ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގަމުން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި ތަން ރައްކާތެރިކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގަ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.

އެހެންކަމުން މިދިޔަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ޖޫން ހަވަނަ ދުވަހުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ހިޔާގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރެވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިހުމަށް އެދި މައްސަލަ ފުލުހަށް ހުށަހަޅައިފައިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ ދެ ހާދިސާގެ ތެރެއިން އެއް ހާދިސާގައި ރޯވެފައި ވަނީ ކުދިން ނިދަމުން އައި ކޮޓަރިއެއްގަ އެވެ. އޭގެ ފަހުން އެތަނުގައި ހުރި ގުދަނެއްފައި ވެސް ވަނީ ރޯވެ ވަރަށް ބޮޑަށް ތަނަށް ގެއްލުން ވެފަ އެވެ.

ހިޔާގައި ރޯވާ މައްސަލަތަކުގައި އެ މަރުކަޒުން ބުނަމުން އައީ އެ ހާދިސާތައް ހިނގަނީ ކުދިންގެ އަތުން ކަމަށެވެ. އަދި އެތަނުގައި އަލިފާން ނިއްވާނެ އާލާތްތައް ހުންނާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ. އެތަނުގައި ކުދިން ފުރާޅުމައްޗަށް އަރައި، ތަނުން ކުދިން ފިލާ މައްސަލަތައް ވެސް އޮތީ ބޮޑުވެފަ އެވެ.