އޮމްބަޑްސްޕާސްންސްގެ އޮފީސް

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރޭތޯ ބަލަން ހާއްސަ އޮޑިޓެއް ހަދަނީ

ކުޑަކުދިންނާ ގުޅޭ އިދާރާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނުގައިވާ ކަންކަމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގްވާމީ މުއާހަދާއާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ހަދާ ހާއްސަ އޮޑިޓް ފަށަން ތައްޔާރުވަމުންދާ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެ އެވެ.

އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން ނިއުމަތު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނުގައި ބުނާ ކަންކަން އިދާރާތަކުން ތަންފީޒުކުރޭތޯ ބެލުމަށް "ޗައިލްޑް ރައިޓް އޮޑިޓް" މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނު އެކުލަވައިލައި ތަންފީޒުކުރަން ފަށާފައިވާއިރު ޗިލްޑްރެން އޮމްބަޑްސްޕާސަން އަކީ ގާނޫނުގެ ތެރެއިން އިދާރާތަކަށް ފާރަވެރިވެ އެއިދާރާތަކުން ގާނޫނު ތަންފީޒުކުރޭތޯ ބެލުމަށް އޮންނަ މުއައްސަސާއެކެވެ. އޮމްބަޑްސްޕާސަންގެ އޮފީސް ވުޖޫދަށް އައީ މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އަށް މައިގަނޑު ހަތަރު މަސްއޫލިއްޔަތެއް މަތިކުރެވިފައި ވެއެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނުގައި ހުރި ކަންކަން ދައުލަތުގެ އިދާރާތަކުން ރަގަޅަށް ތަންފީޒުކުރޭތޯ ބެލުމާއި، ކުދިންނާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންގެ ބައިނަލްއަގްވާމީ މުއާހަދާގައި ހުރި ކަންކަން ރާއްޖޭގެ ދައުލަތުގެ އިދާރާތަކުން ތަންފީޒުކުރޭތޯ ބެލުމާއި، ދައުލަތުގެ އިދާރާތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަބަބުން ކުދިންނަށް އިހުމާލުވެ ނުވަތަ އެކަން ނުކުރެވިގެން ކުރާ އިންވެސްޓިގޭޝަންތައް ހިންގުމާއި އަދި ދައުވާ ކުރުން ހިމެނެ އެވެ.

ނިއުމަތު ވިދާޅުވީ ބައިނަލްއަގްވާމީ މުއާހަދާގައި ހުރި ހައްގުތައް، ކުދިންނަށް ޕްރޮގްރާމްތައް ހިންގައިގެން ނަމަވެސް އެ ކުދިންނަށް ކަށަވަރުކޮށްދެވޭތޯ ބަލާނެ ކަމަށެވެ. މިހާރުވެސް ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގައި ހުރި ކަންކަން ރަގަޅު ކުރުމަށް 17 ލަފައެއް ޖެންޑާ މިނިސްޓްރީއަށް ދީފައިވާނެ ކަމަށެވެ. ލަފާތަކަށް އަމަލުކޮށް އަދި ތަންފީޒުކުރޭތޯ ބެލުމަކީ އެއޮފީހުގެ ޒިންމާއެއް ކަމަށްވާތީ އެކަން ބަލަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ މުޅިން އާ ކަމެއްވީމަ، އާންމުކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހަދާއިރު އޭގެ ކުރީގެ ތަޖުރިބާއަށް ބަލައިގެން ކުރާނީ. ނަމަވެސް އަޅުގަނޑުމެންގެ އެކަހަލަ މަސައްކަތެއް ނެތީމަ ހެދިން ބޭސްލައިން ސްޓަޑީއެއް. އެއީ މިހާރު ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް. އެއީ މުޅިރާއްޖޭގެ ހާލަތެއް ނޫން. އޮފީސްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކުދިންނާއެކު މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހެދި ބޭސްލައިންސްޓަޑީއެއް އެއީ،"

ބޭސްލައިން ސްޓަޑީ ހެދުމަށް ޏ. ފުވައްމުލައް، ގދ. ތިނަދޫ، ބ. އޭދަފުށި، ނ. މާފަރު އަދި އއ. ހިމަންދޫއަށް އެ އޮފީހުގެ ފަރާތުން ދިޔަ އެވެ. ނިއުމަތު ވިދާޅުވީ އެރަށްތަކަށް ގޮސްގެން ބައިވަރު މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ފާހަގަކުރެވުނު މައްސަލަތަކަކީ ވަރަށް ގިނައިން ހިނގާ ކަމެކޭ ދެންނެވޭނީ ގިނަ ސާމްޕަލްތަކެއް ނެގިގެން ކަމަށް ވިދާޅުވި އެވެ.

ނިއުމަތު ވިދާޅުވީ މިހާރު ހޯދިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ކުޑަކުދިންނާ ގުޅޭ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގާނޫނު ނޭނގޭކަން ފާހަގަކުރެވުނު ކަމަށެވެ. ގާނޫނުގައި ކުޑަކުދިންނާ ގުޅޭ ހާއްސަ މުއައްސަސާތަކެއްގެ ވާހަކަ އޮންނައިރު އެތަންތަނުގެ މުވައްޒަފުންނަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ނޭނގުމަކީ ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ނިއުމަތު ފާހަގަކުރެއްވި އެވެ. ގާނޫނު ނޭނގޭ ކަމަށްވާނަމަ އެޔަށް އަމަލުކުރަން އުނދަގޫވާނެ ކަމަށާއި އޮޑިޓް ހަދާ ނިމުމުން އެމީހުންނަށް ގާނޫނު ނޭނގެނީ ކިހާ މިންވަރަކަށްކަން ހާމަވެގެން ދާނެ ކަމަށެވެ.

ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ހުރި މިފަދަ މުއައްސަސާތައް އޮޑިޓްކޮށް ނިންމައިލުމަކީ އަމާޒެއް ކަމުގައިވެސް ނިއުމަތު ވަނީ ވިދާޅުވެފަ އެވެ. އެންމެ ފުރަތަމަ އޮޑިޓް ކުރާނީ ކުޑަކުދިން ބަލަހައްޓާ އިދާރާތަކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 21 މައްސަލައެއް އެ އޮފީހުން މިހާރު ވަނީ ބަލަން ފަށާފަ އެވެ.