ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މި މަހުގެ ހަތަރުވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގާ، ބޮޑު ގެއްލުމެއް ލިބުނީ އެތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތުމުން ކަމަށް އޮމްބަޑްސް ޕާސަންސް އޮފީހުން ބުނެފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާ ހިނގިތާ ގަޑިއެއް ހާއިރު ތެރޭ އޮމްބަޑްސްޕާސަންސްގެ އޮފީހުގެ ޓީމެއް އެކަން ހިނގިތަނަށް ދިޔަ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ހިޔާގެ ތަންތަން އިވެލުއޭޓް ކުރި ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާ ކަން ފާހަގަކުރެވުނު ކަމުގައި ނިއުމަތު ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި އިރު ސިސްޓަމެއް ގާއިމުކުރެވިފައި ހުރި ކަމަށް ހިޔާގައި ރޯވި ދުވަހު އެތަނުގެ ވެރިޔާ މޫމިނާ އާދަމް އާދަމް އެ ދުވަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު ހިޔާގައި އަލިފާން ރޯވި އިރު އެތަނުގައި ފަޔާ އެލާމު ސިސްޓަމެއް ގާއިމުކުރެވިފައި ނެތް ކަމަށް ނިއުމަތު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"އެފަދަ ސިސްޓަމެއް ހުރިނަމަ ހާދިސާ ހިނގުމުގެ ކުރިން ކެއާ ވޯކަރުންނަށް އެކަން ހުއްޓުވަން މަގުފަހި ވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ނިއުމަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އޮފީހުން ހޯދި ހޯދުމުގެ މައްޗަށް ފާހަގަކުރެވުނު މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ހާދިސާ ހިނގާފައިވާ ގޮތް ދެނެގަންނަން މަސައްކަތްކުރި ކަމަށާއި އެފަދަ ހާދިސާ އެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތުގެ އިރުޝާދު މިނިސްޓްރީއަށް ދީފައި ވާނެ ކަމަށެވެ.
ނިއުމަތު ވިދާޅުވީ އެ ހާދިސާ އަކީ ފުލުހުން ތަހުގީގު ކުރާ މައްސަލައަަކަށް ވާތީ އެ އިދާރާއިން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށެވެ. ނަމަވެސް ހިޔާގައި އެގޮތަށް ހާލަތު ދިމާވެފައިވާ ގޮތްތަކާއި ރައްކާތެރިކަމުގެ ފިޔަވަަޅު އަޅާފައިވާ މިންވަރު ބަލާފައި ވާނެ ކަމަށެވެ.
އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ޕްލޭންކޮށް އޮމްބަޑްސްޕާސަންސް އޮފީހަށް ހިއްސާކުރުމަށް ވެސް ޖެންޑާ މިނިސްޓްރީއަށް މިހާރު ވަނީ އަންގާފަ އެވެ. ނިއުމަތު ވިދާޅުވީ ޖެންޑާއިން އެފަދަ ކަންކަން ތަންފީޒުކުރާ މިންވަރު މޮނީޓާ ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރާއްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކުގައި ހިނގާ ބޮޑެތި ހާދިސާ ތަކުގައި ހަރަކާތްތެރިވާން ރެޕިޑް ރެސްޕޯންސް ޓީމެއް އޮމްބަޑްސްޕާސަންސް އޮފީހުން ހަމަޖައްސަފައި އޮވެ އެވެ.
ނިއުމަތު ވިދާޅުވީ އެފަދަ ހާދިސާތަކާއި ގުޅިގެން އިވެލުއޭޝަން ކުރިއަށް ގެންދާ ކަމަށާއި އަދި ވަގުތުން ދޭން ޖެހޭ އިރުޝާދާއި ލަފާ އަބަދުވެސް ލިބެމުންދާނެ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ، އިދާރާތަކަށް ދޭ ކަމަށާއި އިދާރާތަކުން ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ވެސް މޮނިޓާ ކުރަމުންދާ ކަމަށެވެ.