ކުޑަކުދިންގެ ހިޔާ

ތިންވަނަ އަލިފާނެއް؛ ހިޔާއަށް ގެއްލުންތައް

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިތިއްބާފައި ތިބޭ ކުޑަކުދީންގެ ހިޔާގައި މި އަހަރުގެ ތެރޭ އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން މިއަދު ވެއްޖެ އެވެ. މި އަދު ވެސް ކުދީންނާއި މީހުނަށް ގެއްލުމެއް ނުވެއެ އެވެ.

ކުޑަކުދީންގެ ހިޔާގެ ވާހަކަ ނުލިޔާން މީޑިއާއަށް އެންގި އަދި މީޑިއާތަކަށް އިންޒާރު ދީ ނޫހެއް ޖުރިމަނާ ކުރި ޖެންޑާގެ މިނިސްޓްރީގެ ދަށުން ހިންގާ އެ މަރުކަޒުގައި މިއަހަރު ފުރަތަމަ އަލިފާން ރޯވީ މޭ 4 ، ގައެވެ. އޭގެ ފަހުން ދެވަނަ ފަހަރު ރޯވީ ޖޫން 6، ގަ އެވެ. އޭގެ ފަހުން މިއަދު އިރު އަރައި 6:30 ގައި ރޯވުމުން ތިން މަސް ދުވަހުގެ ތެރޭ ތިން ވަނަ ފަހަރަށް އެ މަރުކަޒު އެނދީ އެވެ.

ރޯވި މައްސަލާގައި ޖެންޑާ މިނިސްްޓްރީ އާއި ކުޑަކުދީންގެ ހިޔާއިން އަދި ވާހަކައެއް ނުދައްކަ އެވެ.

މިއަދު ހެނދުނު ސިފައިންގެއިން ބުނީ އަލިފާން ރޯވެފައި ވަނީ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށާއި އެ ކޮޓަރީގައި ހެނދުނު 6:30 އެހާކަންހާއިރު ރޯވި އަލިފާން ނިއްވާލެވުނީ ހެނދުނު 7:20 ގައި ކަމަށެވެ.

ކުދީންނާއި މީހުނަށް ގެއްލުން ނުވި ނަމަވެސް ކުޑަކުދީންގެ ހިޔާއިން ރޯވި ކޮޓަރީގައި ހުރި ތަކެއްޗާއި ސާމާނުން ބޮޑު ބައެއް އެކަށް އަނދައި އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. މީގެ ކުރިން ރޯވި ދެ ފަހަރުވެސް އެފަދަ ބޮޑެތި ގެއްލުންތައް ލިބިފައި ވެ އެވެ. އަދި އެ ދެފަހަރު ވެސް އަލިފާން ރޯވެފައިވަނީ ކުދީންގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. ޖެންޑާ / ހިޔާއިން ބުނެފައި ވަނީ ފުރަތަމަ ރޯވީ ކުއްޖަކު ގެންގުޅުނު ލައިޓަރެއް އެކުއްޖާ އަޅައިގެން ކަމަށެވެ.

ކުރީން މޭ މަހު ހިޔާގައި ރޯވެފައި ވަނީ ވެސް ކޮޓަރިއެއްގަ އެވެ. އޭގެ ފަހުން ޖޫން މަހު ރޯވީ ހިޔާގެ ދެވަނަ އިމާރާތުގައި އެއްޗެއްހި ރައްކާ ކުރަން ހަދާފައި ހުރި ގުދަނެއްގަ އެވެ. އެ ގުދަން ހުރީ ޓެރަހުގަ އެވެ.

ދައުލަތަށް ނަގާފައިވާ ކުދިން ބައިތިއްބާ ހިޔާ އާއި ފިޔަވަތި ފަދަ ތަންތަނުގައި އިހުމާލުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި އެފަދަ ގިނަ ހާދިސާތައް ސަރުކާރުން ސިއްރު ކޮށްގެން ގެންގުޅޭ ކަމުގެ ޝަކުވާތައް އޮވެ އެވެ.