އެމްއެންޑީއެފް

ކުޑަކުދިންގެ ހިޔާގައި ރޯވެ ބޮޑުބައެއް އަނދައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ ކުދިން އުޅޭ ފްލޯއެއްގައި ނަމަވެސް އަލިފާނުގައި އެއްވެސް ކުއްޖަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހިޔާގައި އަލިފާން ރޯވި މި ހާދިސާ ހިނގާފައި ވަނީ މިއަދު 10:00 ޖަހާ އެހާކަންހާއިރު އެވެ.

އަލިފާން ނިއްވާލެވުނު ނަމަވެސް އަލިފާނުގެ އެ ހާދިސާގައި އެ އިމާރާތުގައި ހުރި ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ. ހިޔާ ހިމެނޭ އެ ސަރަހައްދުގައި ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ވިލިމާލޭ ހިޔާ ހިންގުމާ ހަވާލުވެ ހުންނެވި މޫމިނާ އާދަމް ވިދާޅުވީ މިއަދު އަލިފާން ރޯވިއިރު ކޮޓަރީގައި ތިބީ ތިން ކުދިން ކަމަށާއި އެ ކޮޓަރީގައި ހުޅު ރޯވީ އޭގެތެރޭގައި ހިމެނޭ ސިކުނޑީގައި އުނި ކަމެއް ހުންނަ ކުއްޖަކު ގެންގުޅުނު ލައިޓަރެއް ބޭނުން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ކުދިން ބަލަހައްޓަން މުވައްޒަފުން ތިބޭ އެތާނގެ ތެރެއަށް އެ ކުއްޖާއަށް ލައިޓަރު ވެއްދުނު ގޮތް އޭނާ ސާފުކޮށެއް ނުދެއްވަ އެވެ.

ސިފައިން މިއަދު އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާގައި ރޯވި ބައި ވަނީ ގާތްގަނޑަކަށް އެކަން އަނދައި ހުލިވެފަ އެވެ.

ދައުލަތަށް ނަގާފައިވާ ކުދިން ބައިތިއްބާ ހިޔާ އާއި ފިޔަވަތި ފަދަ ތަންތަނުގައި އިހުމާލުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި ގިނަ ހާދިސާތައް ސިއްރު ކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އޮވެއެވެ.