އެމްއެންޑީއެފް

ވިލިމާލޭގައި އަލިފާނުގެ ހާދިސާއެއް

ވިލިމާލޭގެ ހުންނަ ސޮޕް އެންޑް ސޭލް ފިހާރައިގެ މަތީ ފަންގި ފިލާގައި އަލިފާނުގެ ހާދިސާއެއް ހިންގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށާއި އަދި ސިފައިން އެތަނަށް ގޮސް އިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައި ކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފު ނުވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

"ލަފާކުރެވެނީ އުނދުނުގެ ހުޅުގަނޑު އުނދުން މަތީގައިވާ ވައިބޭރުކުރުމަށް އިންނަ ހުޑްގައި ހުޅުހިފައި އަލިފާނުގެ ހާދިސާއެއް ހިންގަން މެދުވެރިވީ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި އަލިފާން ރޯވި ތަނަށްވެސް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އެމްއެންޑީއެފް އިން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.