އެޗްއާރްސީއެމް

ޒެނީޝާއާ ބަޝީރަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ޒެނީޝާއާއި ބަޝީރުގެ އިތުރުން އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައިވެ އެވެ. މައްސަލަ ޕީޖީއަށް ފޮނުވި ވަކި ދުވަހެއް ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި އެ ބޭފުންގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ އެވެ. އަދި އެ ކުދިން ގެންދިޔައިރު ބައެއްް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އެނގިފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލަތަކަކާ ގުޅިގެން ޒެނީޝާ އާއި ބަޝީރުގެ އިތުރުން އެހެން ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އެޗްއާރްސީއެމުން ޔަގީންކޮށްދެ އެވެ.

"ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް މި ކޮމިޝަނުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވާފައިވޭ. އަދި މިހާރު ޕީޖީ އޮފީހުން ދަނީ މި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން،" އެޗްއާރްސީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ޒެނީޝާއާއި ބަޝީރު ހިމެނޭ ގޮތަށް އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން އެޗްއާރްސީއެމުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި އަންނަ ހަފްތާ ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ގިނަ ބަޔަކު ހިމެނޭ މައްސަލައެއް އެޗްއާރްސީއެމުން ފޮނުވާފައި އޮތީ. އެ މައްސަލައާއި ގުޅިގެން އަންނަ ހަފުތާ ހާއްސަ ބައްދަލުވުންތަކެއް ވެސް ކުރިއަށްދާނެ. އެހެންވެ އެކަމުގައި އަންނަ ހަފްތާ ގޮތެއް ނިންމޭތޯ ބަލަމުން މިދަނީ،" ޝަފީއު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލައެއްގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ ވެރިޔާ މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު އޭނާ އަދިވެސް ހުންނެވީ އެތަނުގެ ވެރިޔަކަށެވެ. ނަމަވެސް އެ ވިންގުގެ ބައެއް އޮފިސަރުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފައިވާ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.