ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓް އަލުން އާންމުކުރަން ފަށައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އެ ލިސްޓް އަލުން އާންމުކުރަން ފަށައިފި އެވެ.

ކުޑަކުދިންނަށް ޖިންސީީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މި ލިސްޓް އަލުން އިއްޔެ އާންމުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

މިލިސްޓް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ކޯޓުން ހުކުމެއް ކުރުމާއެކު އެހުކުމާ ބެހޭ މައުލޫމާތު އޮޓޮމެޓިކުން އަދި ވަގުތުން ވަގުތަށް މިނިސްޓްރީއަށް ދަނީ ފޯރުކޮށްދެމުންނެވެ.

މިލިސްޓް މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ.

މިލިސްޓުގައި ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓަ ކުރެވެން މިހާރު ހުރެ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މައުލޫމާތު ބެލޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓް 2018 ވަނަ އަހަރުން ފެށިގެން އާންމުކުރި އެވެ. ނަމަވެސް އެކަން މެނުއަލްކޮށް ކުރަންޖެހޭތީ ގަވައިދުން އެ ލިސްޓް އަޕްޑޭޓެއް ނުކުރެ އެވެ.

މި ލިސްޓްގައި ހުކުމް ތަންފީޒުކުރާ މީހާގެ ފޮޓޯއާއި އެކު އޭނާގެ އާންމު ވަނަވަރު އަދި ހުކުމް ތަންފީޒުކުރަން ހުންނަ ތަނުގެ މައުލޫމާތުވެސް އެނގޭ ގޮތް ހަދާފައިވެ އެވެ.