މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ގެވެށި އަނީޔާއިން ރައްކާތެރިވުމަށް އެދޭއިރު ދައްކަންޖެހޭ ފީ ކަނޑާލައިފި

ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި ހުށަހަޅާއިރު ކުރިން ދައްކަންޖެހޭ 25 ރުފިޔާގެ ފީ ކަނޑާލައިފި އެވެ.

ފީ ކަނޑާލިކަން ހާމަކުރައްވަމުން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، އޭނާގެ ބްލޮގްގައިވާ ވިދާޅުވީ އެ އޮފީހުގެ މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން ކަމަށެވެ.

އަނިޔާ ލިބޭ މީހުންނަށް ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ / ޖަމާއަތްތަކާއެކު މިދިޔަ އަހަރުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، އާންމުކޮށް ހުންނާނެ ނިކަމެތި ކަމުގެ ހާލަތަށް ވިސްނައި، ކުރިން ދައްކަންޖެހުނު 25 ރުފިޔާ ނުދައްކާ ގޮތަށް ހެދުމަށް ހުރިހާ އިދާރާއަކަށްވެސް އެއްބަސްވެވިފައިވާ ކަމަށެވެ.

"މި މައްސަލަ ފެމެލީ ކޯޓަށް ހުށަހެޅި އިރުގައި އެކަން އޮތީ މާރަނގަޅަށް. އެއީ 25 ރުފިޔާގެ މައްސަލަ ކޯޓުގެ ސަމާލު ކަމަށް އައިސްގެން، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ނިންމަވާ ގޮތަށް،" ޝަމީމް ވިދާޅުވިއެވެ.

ފެމިލީ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރެއްވި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި 25 ރުފިޔާ ދެއްކުމުގެ ވާހަކައެއް ނެތެވެ. މީގެ އިތުރުން ކުރިން 14 ސަފްހާއަށް އޮތް ފޯމު، މިހާރު އޮތީ 6 ސަފްހާ އަށެވެ.

"އެފޯމުގެ އެންމެ ހާއްސަ ކަމެއް ކަމަށް އަޅުގަނޑަށް ފެނުނީ، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތް ހާލަތެއް އޮތްނަމަ، އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންފައި އޮތް ތަން، މީގެ ކުރިން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނެތްނަމަ، ފޯމު ބަލައެއް ނުގަންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން އޮތް މަސައްކަތަކީ އެ ފޯމް ފުރުމަށް ފަސޭހަކޮށްދިނުން ކަމަށެވެ. އެގޮތުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ދާދި އަވަހަށް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެ ހިދުމަތަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފައި ކަމާއި ދެން ހުންނާނީ ލިޔަންޖެހޭ ވަރަށް މަދު ބައިތަކެއް ކަމަށްވެސް ވިދާޅުވި އެވެ.