ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކުރީގެ ނިންމުންތައް ގޯސްވެގެން 500 އަށް ވުރެ ގިނަ ޝަކުވާ

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމްގެ ނިންމުންތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ އައްބާސް ޝަރީފް މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށްފަހު ކުރީގެ ޕީޖީގެ ނިންމުންތަކާ މެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.

މި ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު 500 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހަށް މުރާޖައާ ކުރަން ހުށަހެޅި 539 ޝަކުވާގެ މައްސަލަ ކަމާ ގުޅޭ ކޮމިޓީން މިހާރު ބަލަމުންދާ ކަމަށެވެ.

ކުރީގެ ޕީޖީ ޝަމީމުގެ ނިންމުންތަކާ މެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ ކުރީގެ ބައެއް ނިންމުންތަކާ މެދު އާމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އާ ޕީޖީ އައްބާސް، މަގާމުގެ ހައިސިއްޔަތުން މިހާތަނަށް ބޭއްވި ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

އައްބާސް އިތުރަށް ވިދާޅުވީ ކުރީގެ ނިންމުންތަކާ މެދު ގޮތެއް ނިންމަންޖެހޭނަމަ ކަމާ ގުޅޭ ކޮމިޓީން ޝަކުވާތައް ބަލައި ދިރާސާކުރުމަށްފަހު ދޭ ލަފާތަކަށް ބައްލަވައި ގޮތްތަކެއް ނިންމަވާނެ ކަމަށެވެ.